ސިފައިންނާއި ވެސްޓް ސްޕޯޓްސްގެ ކުރިމަތިލުމަކުން ޓީ-20 ބްލާސްޓް މާދަމާ ފަށަނީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޓީ-ޓުވެންޓީ ބްލާސްޓް ކްރިކެޓް މުބާރާތް މާދަމާ ހެނދުނު އެމްއެންޑީއެފް އާއި ވެސްޓް ސްޕޯޓްސް ކްލަބު ވާދަކުރާ މެޗުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑުން ބުނެފި އެވެ.

މިއީ ރާއްޖޭން ބޭރުގެ ޓީމުތަކެއް ބައިވެރިކޮށްގެން ގައުމީ ފެންވަރުގެ ކްރިކެޓް މުބާރާތެއް ރާއްޖޭގައި ނުބާއްވާތާ ބައި ގަރުނަށް ފަހު ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މިފަދަ މުބާރާތެއް އެންމެ ފަހުން ބާއްވާފައި ވަނީ 1953 ވަނަ އަހަރުގައި ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.

މާދަމާ ފަށާ ޓީ-20 ބްލާސްޓްގައި ހަތް ޓީމު ވާދަކުރާއިރު އޭގެ ތެރޭގައި ބޭރުގެ ތިން ޓީމު ހިމެނެ އެވެ. އެ ޓީމުތަކަކީ އިންޑިޔާ ބްލޫސް، ސްރީލަންކާ ހައިކޮމިޝަން އަދި ބަނގުލަދޭޝް ހައިކޮމިޝަންގެ ޓީމެވެ.

މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުތަކަކީ ކްރިކެޓް ބޯޑުގެ ވައިޑީޕީ ޓީމާއި، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން މާލޭ ސްޕޯޓްސް ކްލަބާއި ވެސްޓް ސްޕޯޓްސް ކްލަބުގެ އިތުރުން އެމްއެންޑީއެފްގެ ޓީމެވެ.

މިއީ އެމްއެންޑީއެފްގެ ޓީމެއް ވެސް ގައުމީ ފެންވަރުގެ ކްރިކެޓް މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކްރިކެޓް ބޯޑުން ބުނީ، ޓީ-20 ބްލާސްޓް ކްރިކެޓް މުބާރާތުގެ މެޗުތައް ކުޅޭން ހަމަޖެހިފައި ވަނީ، ހެނދުނު ކުޅޭ މެޗުތައް ކޮންމެ ދުވަހެއްގެ ވެސް 8:00އިން 11:00އަށް ކަމަށާއި މެންދުރު ފަހުގެ މެޗުތައް 15:00 އިން 18:00އަށް ކަމަށެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ މެންދުރު ފަހު ވާދަކުރާނީ، ސްރީލަންކާ ހައިކޮމިޝަނާއި ބަނގުލަދޭޝް ހައިކޮމިޝަންގެ ޓީމެވެ.

ކްރިކެޓް ބޯޑުން ބުނީ، ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ 14 ކުޅުންތެރިއަކު މި މުބާރާތުގައި ރޭންކް ކުރެވިފައިވާ އިރު މުބާރާތުގައި ބައިވެރިވާ ޓީމެއްގައި ހިމެނޭނީ އެ ކުޅުންތެރީންގެ ތެރެއިން ގިނަވެގެން ތިން ކުޅުންތެރިން ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން އެގޮތަށް ރޭންކް ކުރަން ނިންމީ، އަންނަ ސެޕްޓެމްބަރާއި އޮކްޓޯބަރުގައި ސައުތުކޮރެޔާގައި ބާއްވާ އޭސިއަން ގޭމްސްގައި ބައިވެރިވާ ގައުމީ ކްރިކެޓް ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް ކްރިކެޓް ބޯޑުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު