ޒަބީ އޮލޮންސޯ ބަޔާން މިއުނިކަށް ދަނީ

ރެއާލް މެޑްރިޑްގެ ސްޕެނިޝް މިޑްފީލްޑަރު ޒަބީ އޮލޮންސޯ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރެއާލް އަދި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު އޮލޮންސޯ ބަޔާންއާއެކު މިއަދުގެ ވަގުތެއްގައި އެއްބަސް ވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބަޔާނުން މިޑްފީލްޑަރެއް ހޯދުމަށް މަޖުބޫރުވީ އެޓީމުގެ މެދުތެރެއަށް ކުޅޭ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ތިއާގޯ އެލްކެންޓެރާއާއި ބާސްޓިއަން ޝްވެއިންސްޓެއިގާ އާއި ހަވީ މާޓީނެޒްއަށް އަނިޔާގެ މައްސަލަތައް ކުރިމަތިވުމުންނެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވާ އޮލޮންސޯ ބަޔާންއާ ގުޅޭނީ ފަސް މިލިއަން ޔޫރޯގެ ފީއަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު މެތިއަސް ސެމާ ވިދާޅުވެފައި ވަނީ އޮލޮންސޯ އެ ޓީމަށް އިތުރު ވުމުން ބަޔާނަށާއި އަދި އެ ޓީމުގެ ކޯޗް ޕެޕް ގާޑިއަލޯއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ތިއާގޯއާއި ޝްވެއިންސްޓެއިގާ އިންޖަރީވުމާ ގުޅިގެން އަހަރެމެން މިދަނީ އަހަރެމެންނަށް ހަމަ މިހާރުވެސް އެހީތެރިވެ ދެވޭފަދަ ކުޅުންތެރިއަކު ހޯދަމުން. އޮލޮންސޯއަށް އަދި ދެ އަހަރެއްހާ ދުވަހު ރަނގަޅު ފެންވަރެއްގައި ކުޅެވޭނެ،" ސެމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބާޔާނުން އޮލޮންސޯ އެޓީމަށް ގެންނާނީ ލޯނު އުސޫލުން ނޫން ކަމަށާއި، އަދި އޭނާއާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"އަހަރެމެން މިވަނީ އޮލޮންސޯއާއެކު އެއްބަސްވުމަކަށް އާދެވިފައި. އަދި ދެދުވަހެއްގެ ތެރޭގައި ރެއާލްއާއެކު ވެސް އެއްބަސްވުމަަކަށް އާދެވޭނޭ ކަމަށް މި ބަލަނީ،" ބަޔާންގެ ސްޕޯޓިން ޑައިރެކްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު