އީސީ އަށް އައްޔަން ކުރުމަށް އާސިމްގެ އިތުރަށް ދެ ނަންފުޅެއް މަޖިލީހަށް ފޮނުއްވައިފި

އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި ދެ މެމްބަރެއްގެ ދައުރުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުން މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލްގެ އާސިމް އަބްދުއްސައްތާރުގެ ނަންފުޅާއި އިތުރުން ދެ ނަންފުޅެއް ރައްޔިތުން މަޖިލީހަށް ރައީސް އަބްދުﷲ ޔާމިން ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އާސިމްގެ އިތުރުން މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަންފުޅަކީ ޢާއިޝަތު ޙަފީޡް ނ. ވެލިދޫ، އާހިޔާ، އާއި އަމްޖަދު މުޞްޠަފާ ގއ. މާމެންދޫ، އަލިވާގެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ތިން މެމްބަރެއްގެ ނަންފުޅު ފޮނުއްވާފައި މިވަނީ މިހާރު އެކޮމިޝަނުގައި ތިއްބެވި މުހައްމަދު ފާރޫގު އާއި އަލީ މުހައްމަދު މަނިކުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ.

އޭގެ އިތުރުން އިލެކްޝަން ކޮމިޝަނުގައި ތިއްބެވި އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހްމަދު ފަޔާޒް މަގާމުން ވަކި ވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކަނޑައަޅާފައި ވާތީ އެ ދެ މެމްބަރުންގެ ބަދަލުގައި ވެސް ދެ މެމްބަރުން އައްޔަން ކުރުމަށް ރައީސް ވަނީ ހަތަރު ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވާފަ އެވެ. ނަމަވެސް އެ ބޭފުޅުންނާ މެދު އަދި މަޖިލީހުން ގޮތެއް ނިންމާފައެއްނުވެ އެވެ.

އެ ކޮމިޝަނުގައި ކުރިން އިންނެވި އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް އިސްމާއިލް ހަބީބު މިދިޔަ މާޗް މަހު ވަނީ އައްޔަން ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ޖުމްލަ ފަސް މެމްބަރުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު