ގައުމީ ހޭންޑްބޯލް މުބާރާތުގެ ތަށި ސިފައިންނާއި ރައިސަސް އުފުލާލައިފި

ބީއެމްއެލް ދެވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރައިސަސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން މިމަހުގެ 15 އިން ރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ރައިސަސްއާ ވާދަކޮށް ދިވެހި ސިފައިން ރޭ މޮޅުވީ 9-8 ލަނޑުންނެވެ. ރޭ ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ކްލަބުގެ ޔައުގޫބު އަހްމަދު އެވެ.

އަންހެން ޑިވިޝަންގެ ފައިނަލްގައި ޔޫތު ސްޕޯޓްސް ކްލަބު އަތުން ރައިސަސް މޮޅުވީ 10-7 ލަނޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރައިސަސްގެ ފާތިމަތު ރިޝްމާއެވެ.

ހެންވޭރު އަޑިޕާކުގައި އޮންނަ ޕީކޭ ދަނޑުގައި ރޭ ކުޅުނު ދެ ޑިވިޝަންގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ޓްރޮފީއާ އިނާމް ހަވާލުކޮށްދިނުން އޮތެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސާކޮށްގެން ބޭއްވި މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރީންގެ ތެރޭގައި ހިމެނުނީ، ސިފައިންގެ ކްލަބުގެ އިބްރާހީމް މުހައްމަދާއި، އަހްމަދު ނަޖީބާއި، އަހްމަދު ފަޔާޒުގެ އިތުރުން ރައިސަސްގެ ރިފްޝާން ރަޝީދާއި މުހައްމަދު ފިރުޝާނާއި ޔޫތު ސްޕޯޓްސްގެ އަހްމަދު އަޒީޒު އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ މޫސާ ނިޒާރެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރީންގެ ތެރޭގައި ހިމެނުނީ، ރައިސަސްގެ އައިމިނަތު ނަޒުރާއާއި ފާތިމަތު ރިޝްމާއާއި އެޓީމުގެ ޒުލޭހާ އިބްރާހީމްގެ އިތުރުން ޔޫތު ސްޕޯޓްސްގެ ޝިޒްނާ ރަޝީދާއި އައިޝަތު ރީމާގެ އިތުރުން ހަމަ އެޓީމުގެ ނަޝްފާ އާމިރެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އިޝްރަތު ހަމީދުއެވެ.

ފިރިހެން ޑިވިޝަނުން މުޅި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ރައިސަސްގެ މުޙައްމަދު ފިރުޝާން ހޮވުނު އިރު އަންހެން ޑިވިޝަނުން އެންމެ އިންމީދީ ކުޅުންތެރިއަކަށް ހޮވުނީ ރައިސަސްގެ އާމިންތު އިސްރާއު އަބްދުއްޝަކޫރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު