ރިޟްވާން މައްސަލާގައި ސީޕީ ހާޒިރު ކުރި ކޮމެޓީ ސިއްރުކޮށްފި

ހޯދައި ނުފެނިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިންގ ސްޓަރ، އަޙްމަދު ރިޟްވާންގެ މައްސަލާގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު މިރޭ ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ސީޕީ ހުސައިން ވަހީދު މަޖިލީހަށް ހާޒިރު ކުރީ މިރޭ 7:30 ގަ އެވެ. އެ ބައްދަލުވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހާޒިރު ކުރުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް މިނިސްޓަރު މާލޭގައި ނޫޅުއްވާތީ އޭނާ ކޮމެޓީއަކަށް ހާޒިރު ނުކުރައްވަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރަކު މިރޭ "ސަން"އަށް ވިދާޅުވީ ސީޕީ ހުސައިން ވަހީދު ހާޒިރު ކުރި ބައްދަލުވުން ސިއްރު ކުރީ "ގައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކެއް" ކޮމެޓީގައި ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލުތަކެއް އޭނާ ނުދެއްވި އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލިގެން ހޯދާތާ މިއަދަށް 21 ދުވަސް ވަނީ ވެފަ އެވެ. އަހުމަދު ރިޟުވާން ހޯދަން ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ޕްރައިވެޓް ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި އެ މައްސަލާގައި ހަތަރު މީހެއްގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު