އެސްއީޒެޑް ބިލް ގާނޫނަކަށް ވާއިރަށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ފަށާނަން: ރައީސް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލް ތަސްދީގު ކުރެއްވުނުހާ އަވަހަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލް ޖުމްހީރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަމޯއާގައި އޮންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސުގައި ބައިވެެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރާވަޑައިގަތުމުގެ ކުރިން މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެެއާޕޯޓްގައި ބޭއްވި ނިއުސް ބްރީފިންގައިި ބައިވެވެރިވެވަޑައިގެން އެސްއީޒެޑްގެ ބިލާ ބެހޭ ގޮތުން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއީޒެޑްގެ ބިލް މިއަދު ވެސް ތަސްދީގު ކުރެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެންމެ ފުރަތަމަ މިއޮތީ ގާނޫނީ އޮނިގަނޑު ނިމުމާ އެކު އޭގެ ސްޓްރަކްޗާ އެކުލަވައިލެއްވުމުގެ މަސައްކަތް ކުރެއްވުން ކަމަށާއި ބަންޑާރަ ނައިބްގެ ލަފާފުޅާ އެކު މިއަދުވެސް އެ ބިލް ތަސްދީގު ކުރެވިއްޖެނަމަ އަންނަ އާދީއްތަ ދުވަހު ފަންނީ ކޮމިޓީއާ ސިޔާސަތު ކޮމިޓީ އެކުލަވާލައްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެބިލް ގާނޫނަކަށް ވުމުން މިހާރު ވެސް އެކިއެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން އިސްވެސްްޓްމަންޓްތަކަށް ހުޅުވާލެއްވުމުގެ ކުރިން މިހާރު ވެސް ސަރުކާރަށް ލިބިފައިވާ ބައެއް ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން "އައިހެވަން" އާއި ދެން ހުރި ބައެއް ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ފ. އަތޮޅާއި ދ. އަތޮޅުގައި ހުށަހަޅާފައި މަޝްރޫއުތަކުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މީގެކުރިން އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް އިންވެސްޓްކުރަން ލިބޭ މުއްދަތާއި އެމީހުންނަށް ލިބިދޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެސްއީޒެޑްގެ ބިލްގެ ސަބަބުން ރާއްޖޭގައި އިންވެސްޓަރުންނަށް މުއްދަތު ލިބިދީ ގާނޫނީ ވެއްްޓެއް ގާއިމްކުރެވި، ގާނޫނީ ހިމާޔަތެއް ލިބިދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއް ބިލިޔަން ނުވަތަ އެއްހާސް މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ދާ ކަމުގައިވާނަމަ މުއްދަތަކަށް 35 އަހަރު ނޫނީ 99 އަހަރުތޯ ފުދޭތޯ ސުވާލު ކުރެވޭ. އެހެން ނަމަވެސް ގާނޫނަކުން މިހާރު އެއޮތީ އެކަންތައް އަޅުގަނޑުމެން ކޮށްދީފައި. މި ބިލްގެ މަސައްކަތްތައް ފުރިހަމަވެގެންދާނީ އިންވެސްޓްމަންޓްތައް ގެނެވިގެން. މީގެކުރިން މިކަހަލަ އެއްވެސް އިންވެސްޓަރަކާ އެކު ވާހަކަދައްކަން ވެސް ނުއިށީނދެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި އެސްއީޒެޑްގެ ބިލުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ހިމާޔަތް ލިބިދޭނެ ކަމުގައި ވިދާޅުވި އެވެ. އަދި އެ ބިލް ތަސްދީގުކުރެވިގެން ދިޔައިމަ އެެއްވެސް އިންވެސްޓަރަކު ރާއްޖޭގައި އިންވެސްޓްކުރުމަށް ޖެހިލުން ނުވާނެ ކަމުގައި ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު