ރޭނިސް ސަލީމް ވަނީ ބަޔަކަށް ބިރުދެއްކުމަށް ރާވައި އެކަން ހިންގާފައި: ދައުލަތް

ދައުލަތުން ފަސް މީހެއްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ބުނާ "ބަޔަކަށް ބިރުދައްކައި ފުރާނައަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމަށް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހުރީ" ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ ސަލީމާއި އިތުރުބައެއްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ނަގާފައިވާ އިޖުރާއީ ނުކުތާއަށް ޖަވާބުދެމުންނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހ. ހިލްޓަން އަޒުލިފް ރައޫފް އާއި ސ. މީދޫ އިރާކު މުހައްމަދު ހާމިދުއާއި ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު ކުރި ކަންތައްތައް ރާވައި ހިންގާފައި ވަނީ ސަލީމް ކަމަށާއި އޭނާގެ މައްޗަށް ކުރާ ދައުވާ ވަރަށް ސާފު ކަމަށެވެ.

ސަލީމާއެކު އެ ތިން މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި ގ. މޫންލައިޓްވިޔު އަބްދުﷲ އުނައިސް އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 7176 އަބްދުﷲ ނަސީރުގެ މައްޗަށް ވެސް ވަނީ އެމީހުންނާ އެކު ދައުވާ އުފުލައިފަ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ އެންމެންގެ ފަރާތުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރޭނިސް ސަލީމް ވިދާޅުވީ އޭނާއާ ދެކޮޅަށް ހެކިބަސް ދެނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އިލްހާމް ހުސައިނާ ގުޅުންހުރި ބައެއްތޯ އެނގެން ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޕްރިސިކިއުޓާ ޖެނެރަލް އަށް އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާއި އެ ދައުވާ ކުރަންޖެހޭނީ ބަންޑާރަ ނައިބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އެ އެންމެންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބަޔަކަށް ބިރުދައްކައި އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ދައުވާ އުފުލާފައި ވަނީ ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އާއި އެ ގާނޫނުގެ ތިންވަނަ މައްދާއާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ ކަމެއް ކުރުން ނުވަތަ ނުވަތަ ކުރަން އުޅުން ނުވަތަ އެފަދަ ގޮތަކަށް ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގޮތަކުން ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއްދޭން އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގައި ބުނެފައިވާ ކަމެއް ކުރުމަށް ފައިސާ އިން ނުވަތަ މުދަލުން ހޭދަކުރުމާއި އެއްވެސް ސިފައެއްގައި އެހީވެދިނުމާއި އެފަދަ ކަމެއް ކުރުމަށް ރޭވުން ވެސް ހިމެނޭނީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު