ޝާންގެ މައްޗަށް ހުކުމް އިއްވުން އަންނަ މަހުގެ 14 އަށް ފަސްކޮށްފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓު އަލީ ޝާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން އަންނަ މަހުގެ 14 ވަނަ ދުވަހަށް ފަސްކޮށްފި އެވެ. ކުރިން ހުކުމް އިއްވަން ހަމަޖެހިފައި އޮތީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އެކަން އިއުލާންކުރެއްވީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ އެ މައްސަލައިގެ ޚުލާސާ ބާޔާން ހުށަހެޅުމެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މިހާ ހެކިބަސްދެމުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުރިން އެދުވަހު ޝާންގެ އަމަލުތައް ހުރި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން އެ ދުވަވަހުގެ ހަވީރު ޕެޑްޕާކްގައި ހ. ލޮބީ ހުސައިން ހުމާމް އަހްމަދާއި ޝާންއާ އެކު އޭނާ އުޅުނު އުޅުމުގައި "މިޝަނެއް" އޮތް ކަމަށް ޝާން ބުނެފައިވާ ކަމަށް ހެކިބަސްދިން މީހާ ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެރޭ ބައްދަލުވުމަށް އެއްބަސްވުމަށް ފަހު އެމީހުން އެތަނުން ދިޔަ ކަމަށާއި ހަމަ އެރޭ 11:00ގައި ހުމާމާއި ޝާން ޕެޑްޕާކަށް ގޮސް އެތަނުން ޑރ. އަފްރާޝީމް ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ގޮސް އެމަނިކުފާނު ގެކޮޅަށް ވަދެވަޑައިގަތުމުން އެތެރެއަށް ވަތް ކަމަށް ހެކިބަސްދިން މީހާ ބުނެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އޭގެ ވަގުތުކޮޅެއް ފަހުން ހެކިބަސްދިން މީހާ ހ. ފުންވިލުގޭ ސިޑިކައިރިއަށް ދިޔަ އިރު ޑރ. އަފްރާޝީމްގެ ހަށިކޮޅު ކައިރީ ލޭ ހޭކިފައި ހުރި ވަޅިއެއް ހިފައިގެން ޝާން ހުއްޓައި ފެނުނު ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ވަގުތު ޝާން އިނީ ކޮފީއެއްގައި ކަމަށް ބުނެ އެކަން ސާބިތުކުރުމަށް އޭނާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކީންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ފާހަގަކުރެވޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެ ހުމާމް ދީފައިވާ ބަޔާނުން ވެސް ޝާން އެ އަމަލު ހިންގިކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ޝާންގެ ދިފާއީ ވަކީލު ވަނީ ޝާންގެ ދިފާއީ ހެކިބަހުގައި ކުޑަ ފުށުއެރުމެއް ހުރިކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވުމުން ޖަލަޕީނޯ ރެސްޓޯރަންޓަށް ކޮފީ އަށް ދިޔަ ވަގުތު ނޭނގޭ ކަމަށް ހެކީން ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑރ. އަވަހާރަކޮށްލި ހާދިސާ ހިނގިވަގުތު ފުލުހުން އެކިފަހަރު ކިޔައިދީފައި ވަނީ އެކިގޮތްގޮތަށް ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ ހުމާމްގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ އޭނާގެ ބަޔާން ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ހެކިބަސްދިން މީހާ ޑރ. އަފްރާޝީމަށް ޝާން ހަމަލާދިން މަންޒަރު ފެނިފައިވާ ކަމަށް ބުނެފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު