ގާސިމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެމަނިކުފާނު ނިސްބަތްވެވަޑައިގެންނަވާ ޕާޓީ ޕީޕީއެމުން ވެސް ގާސިމާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަމޯއާގައި އޮންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސުގައި ބައިވެެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރާވަޑައިގަތުމުގެ ކުރިން މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެެއާޕޯޓްގައި ބޭއްވި ނިއުސް ބްރީފިންގައިި ބައިވެވެރިވެވަޑައި ގަތުމަށް ފަހު "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ވަރަށް ފުރިހަމަ އަށް ގާސިމަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެސްއީޒެޑް ބިލް ފާސްކުރުމުގައި ޖުމްހޫރީ ޕާޓީން ނާއި ގާސިމަށް ވަރަށް ރަނގަޅަށް މަސައްކަތްކޮށްދެއްވާފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކަންތައްތައް ކުރިއަށްދާނީ ދެ ފަރާތުގެ ވެސް އިހުލާސްތެރިކަން އޮވެގެން ކަމަށެވެ. އަދި އެ ބިލް ފާސްވުމުގެ ކުރިން ވެސް ގާސިމާ އެެކު ވާހަކަ ދައްކަވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި އެ މަޝްވަރާތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ސަރުކާރުން ގާސިމް އިބްރާހިމަށް ފުރިހަމަ އަށް އެެއްބާރުލުން ދޭނެ، އަޅުގަނޑުމެންގެ ޕާޓީން ވެސް ބޭނުންވޭ ސިޔާސީ ގޮތުން ގާސިމާ އެކު ކުރިއަށްދާން. އަޅުގަނޑު ބޭނުން ވަނީ ހުރިހާ ބޭފުޅުންނާ ވެސް ގުޅިގެން މަސައްކަތް ކުރަން. ގާސިމާ އެކު ކަންތައްތައް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލްކުރެވޭ. ދެން ހަަމަ ދޭތެރެ ދޭތެރެއިން ބައެއް ފަަހަރު މިކަހަލަ ކަންތައްތައް އެބަ ދިމާވޭ. އެހެންނަމަވެސް އެކަމެއް ނިމުނީމާ އަޅުގަނޑުމެންނަކީ މުޅިން ގުޅުން ނޯންނަ ވަރަށް ދުރަށްދާ ބައެއް ނޫން. އެހެންވީމާ އަދި ވެސް މިގުޅުމުގައި ކުރިއަށްދެވޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ހުރިހާ ޕާޓީއަކާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ޕާޓީއެއް ކަމަށާއި އަބަދުވެސް އެގޮތުގައި މަސައްކަތް ކުރުމަށް އެޕާޓީން ތައްޔާރަށް އޮތް ކަމަށެވެ. އަދި މިހާރު އެ ފުރުސަތު ގާސިމާ އެކު ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު މަކާއޯ އަށް ކުރައްވާ ދަތުރުފުޅު ނިންމާލެެއްވުމަށް ފަހު ގާސިމާ އެކު ކުރިއަށް ވަޑައިގެންނެވުމަށް ޕީޕީއެމާ އެކު މަޝްވަރާތައް ފައްޓަވާނެ ކަމަށެވެ.

"އެސްއީޒެޑްގެ ބިލަށް އެ ބޭފުޅުން ތާއީދުކުރެއްވުމާ އެކު މިހާރު މިވަނީ ދެ ޕާޓީގެ ދޭތެރޭގައި ނުވަތަ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު މާބޮޑަށް ތަނަވަސްވެގެން ގޮސްފައި،" މައުމޫން ވިދާޅުވި އެވެ.

އެސްއީޒެޑްގެ ބިލަށް ޖުމްހޫރީ ޕާޓީން ތާއީދުކުރީ ސަރުކާރުގެ ޕްރެޝާ ބޮޑުވެގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން މިއަދު ވިދާޅުވީ އެއްވެސް ހާލަތެއްގައި ކަން ހިނގާފައި ވަނީ އެގޮތަށް ނޫން ކަމަށާއި ގާސިމަށް ސަރުކާރުން ދިގު މުއްދަތަށް ކުއްޔަށް ދީފައިވާ ލ. ބަރެސްދޫ ސަރުކާރަށް ނެގީ އެއްބަސްވުމާ އެއްގޮތަށް ކަންތައްތަކެއް ކުރިއަށް ނުގެން ގޮސްގެން ކަމަށެވެ. އަދި ވިލާ އިންޓަނޭޝަނަލް އެއާޕޯޓް ޑީ ގްރޭޑް ކޮށްފައި ވަނީ ސެކިއުރިޓީ ކަންތައްތަކެއް ފުރިހަމަ ނުކޮށްގެން ކަމަށާއި އެކަންކަން ފުރިހަމަ ކުރުމުން އިންޓަނޭޝަނަލް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މީކީ ވަކި ބޭފުޅެއް ވެގެން ޒާތީ ކަމެއް ވެގެން ކުރިއަށް ގެންގޮސްފައިވާ ކަމެއް ނޫން، ވަރަށް ފަހުން ވަޒީރުންގެ މަޖިލީހުން ފާސްކުރި ދިގު މުއްދަތަކަށް ދީފައި ހުންނަ ރަށްރަށާއި ބެހޭ ގަވާއިދެއް، އެ ގަވާއިދުގެ ދަށުން މަސައްކަތް ނުކުރާ ރަށްރަށް ނޯޓިސް ދީފައި ނެގީ. އެގޮތުން އެންމެ ފުރަތަމަ ނަގަން އޮތް އެންމެ ބޮޑު ރަށަކީ ބަރެސްދޫ، ދެން އޮތީ އެ އާޕޯޓްގެ މައްސަލަ، އަޅުގަނޑަށް އޮތް އެންމެ ބޮޑު މައްސަލައަކީ ސަލާމަތީ ކަންކަން ވަޔަލޭޓްވެގެން ދިމާވެގެން އެއާޕޯޓްގައި ދިމާވާ އެކްސިޑެންޓެއްގައި ޖަވާބުދާރީ ވާން އަޅުފަނޑަށް ވަރަށް އުނދަގޫ، އެހެންވެ ސިވިލް އޭވިއޭޝަނުން އޮޑިޓެއް ހެދި އިރު ސެކިއުރީޓީ މައްސަލަތަކެއް އެބަހުރި މާމިގިލީ އެއާޕޯޓްގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު