އެސްއީޒެޑް ބިލުގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބޭނެ: މަލީހު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރޭވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ބިލުގެ ސަބަބުން ފަތުރުވެރިކަން އިތުރަށް ކުރިއަރައި އެކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"އެ ބިލުގެ ސަބަބުން އުފެދިގެންދާ އިގްތިސޯދީ ހާއްސަ ސަރަހައްދުތަކަށް އިންވެސްޓް ކުރުމަށް ބޭރުގެ ބޮޑަތި އިންވެސްޓަރުން އަންނާނެކަމީ އެކަމުން މުޅި ރާއްޖޭގެ ރައްޔިތުންނަށް މާންފާކުރާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވުމާ އެކު އިތުރު އައާލައިންތަކާއި ފްލައިޓްތަކަށް ފުރުސަތު ލިބި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުން ބޮޑު މަންފާތަކެއް ކުރާނެ ކަމަށެވެ.

ޓޫރިޒަމް ކުރިއަރުވަން މަޓާޓޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަށް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް އޮތް އެންމެ ފަސޭހަ ވަސީލަތަކީ ސޯޝަލް މީޑިޔާ ކަމަށެވެ. އަދި ގެސްޓްހައުސްތަކުން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެސްޓްހައުސްތައް ޕްރޮމޯޓްކޮށް ގެސްޓުންނަށް އޮންލައިންކޮށް ބުކިން ހެއްދޭނެ މަގުފަހި ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ބޮޑު މަންފާއެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން އެސްއީޒެޑް ބިލު ފާސްކޮށްފައި ވަނީ ރޭގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު