ސަރުކާރުގެ ޕްރޮޖެކްޓްތަކަށް އެސްޓީއޯ އިން ކޮންސްޓުރަކްޝަން މެޓީރިއަލް ގެނެސްދިނުމަށް ނިންމައިފި

ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ކޮންސްޓުރަކްޝަން ޕްރޮޖެކްޓްތަކަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންސްޓްރަކްޝަން މެޓިރިއަލްސް ގެނައުމަށް ނިންމައިފި އެވެ.

އެސްޓީއޯ އިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެސްޓީއޯގެ ފަރާތުން ކޮންސްޓުރަކްޝަން މެޓީރިއަލް ގެނަން ނިންމީ ސަރުކާރުން ހިންގާ ކޮންސްޓުރަކްޝަން ޕްރޮޖެކްޓަތައް ނުހުއްޓި ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

"މިހާރު މިވަނީ އެމްއޯޔޫއެއްގައި ސޮއިކުރެވޭ ހިސާބަށް ގޮސްފައި، އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީން ކަމަކީ މެޓީރިއަލް ދަތިކަމެއް ނެތި އެބޭފުޅުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން އެސްޓީއޯ އިން ގެންނަ ކޮންސްޓްރަކްޝަން މެޓީރިއަލް އަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެސްޓީއޯގެ ބޮޑެތި ފިހާރަތައް ހުރި ރަށްރަށަށް އެކުންފުނިން ގޭސް ވިއްކުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އެކަމާ އެކު އިތުރު ވަޒީފާތައް ވެސް އެރަށްރަށުގައި އުފެދިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުމުގެ ޕްރޮޖެކްޓްތައް އަލި އަޅުވާލައި އާޒިމް ވިދާޅުވީ އެ ޕްރޮޖެކްޓްވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން މިހާރު 58 ވަޒީފާ އުފެއްދިފައިވާ ކަމަށެވެ. އއަދި އެޕުރޮޖެކްޓް ނިމެންވާއިރަށް 700 އަށް ވުރެ ގިނަ ފާމަސިސްޓުންނަށް ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު