ރާއްޖޭގައި ހުންނަ އިރު އަމާންކަން އިހުސާސް ވަނީ ދިވެހިން ރަނގަޅުގޮތުގައި ތިބީމާ: ގަތަރު ރެޑްކްރެސެންޓްގެ ރައީސް

ރާއްޖޭގައި ހުންނަވާ އިރު އަމާންކަން އިހުސާސްވާ ކަމަށާއި އެއީ ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ވެސް ރަނގަޅު ގޮތުގައި ތިބީމާ ކަމަށް ގަތަރު ރެޑްކްރެސެންޓްގެ ރައީސް ޑރ. މުޙައްމަދު ބިން ޣާނިމް އަލް މާދީދް ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި "ހެލްޕް ގާޒާ ޓެލެތޯން" އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެއްކޮށްފައިވާ ފައިސާ ގަތަރު ރެޑްކްރެސެންޓާ ހަވާލު ކުރުމަށް ޓީވީ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މާދީދު ވިދާޅުވީ ރާއްޖެ އަށް ވަޑައިގެންނެވުމުން އަމާންކަން އިހުސާސް ކުރެއްވޭ ކަމަށެވެ.

އަދި ވިދާޅުވީ މުސްލިމުންގެ މެދުގައި އޮންނަންވީ އެކުވެރިކަމާ ބެހޭ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރައްވާފައިވާ ހަދީސް ފުޅުގައިވާ ގޮތަށް އަމަލުކުރުމުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަކީ މިސާލެއް ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި "ހެލްޕް ގާޒާ ޓެލެތޯން" އާއި އަދާލަތު ޕާޓީން ހިންގި ގާޒާ ފަންޑް މޯލްޑިވްސް އިން އެއްކުރި 29461947.65 ރުފިޔާ (1.91 މިލިޔަން ޑޮލަރު) ގަތަރު ރެޑްކްރެސެންޓާ ހަވާލުކުރުމުގެ އެއްބަސް ވުމުގައި ޑރ. މާދީދު ރޭ ސޮއިކުރެއްވި އެވެ.

އެމްބީސީގެ ޓެލެވިޒަން މޯލްޑިވްސްގައި ރޭ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ގަތަރު ރެޑްކްރެސެންޓްގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދްއާ 29 މިލިޔަން ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ، ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ ޗެއާމަން އަދި އަދި އެމްބީސީގެ ޗެއާމަން އިބްރާހީމް އުމަރުމަނިކާއި ގާޒާ ފަންޑް މޯލްޑިވްސްގެ ޗެއާމަން އަދި އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބްދުﷲ އެވެ. ރާއްޖޭން ހަދިޔާކުރި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ހަރަދުކުރާނެ ގޮތާ މެދު އެކުލަލާވާފައިވާ އެއްބަސްވުމެއްގައި ވެސް އެތިން ބޭފުޅުން ސޮއިކުރެއްވި އެވެ.

ރާއްޖޭން ހަދިޔާކުރި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ހަރަދުކުރާނެ ގޮތާ މެދު އެކުލަލާވާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ފައިސާ ހަރަދުކުރާނީ ޣައްޒާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ކާނާ އާއި ސާފު ބޯފެނާއި ބޭސްފަރުވާގެ ފޯރުކޮށްދިމަށެވެ. އަދި އެގޮތުން ފޯރުކޮށްދޭ އެހީގެ ތަކެތީގައި ދިވެހި ދިދަ ޖަހައި، އެއީ ރާއްޖޭން ހަދިޔާކުރި ފައިސާ އިން ގަނެފައިވާ ތަކެތިކަން އެނގޭނެހެން ފޯރުކޮށް ދިނުމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު