ރާއްޖެ ސަރަހައްދުގައި އުދުހުނީ އަސްކަރީ އުޅަނދުތަކެއް: ސިވިލް އޭވިއޭޝަން

ހުވަދޫ ކަނޑު ސަރަހައްދުގައި އުދުހޭތަން ފެނިގެން ރިޕޯޓްކޮށްފައިވާ އުޅަނދުތަކަކީ އަސްކަރީ އުޅަނދުތަކެއް ކަން ޔަގީންކުރެވިފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން މިއަދު ބުނެފި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ އެއާ ޓްރާންސްޕޯޓް ޑައިރެކްޓަރު އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ ހުވަދޫ ކަނޑު ސަރަހައްދުގައި އުދުހޭ ތަން ފެނިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި މަސްވެރިންތަކެއް ރިޕޯޓްކޮށްފައިވާ އުޅަނދުތަކަކީ އަސްކަރީ އުޅަނދުތަކެއް ކަން މިހާރު ޔަގީންކުރެވިފައިވާ ކަމަށާއި އެކަމުގެ ތަހުގީގުތައް އެމްއެންޑީއެފް އިން ކުރަމުން އަންނަ ކަމަށެވެ.

"އެއީ އަސްކަރީ އުޅަނދުތަކެއް. މިލިޓަރީ ނުވަތަ އަސްކަރީ އުޅަނދެއް މޮނިޓާ ކުރުމުގެ ގާބިލުކަން އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަށް ވެސް ލިބިފައިއެއް ނުވޭ. އެ ގާބިލްކަން ރާއްޖޭގައި ލިބިގެންވާނީ އެމްއެންޑީއެފް އަށް. އެހެންވީމާ އެބޭފުޅުން އެ ގެންދަވަނީ އެކަން ތަހުގީގު ކުރަމުން،" ރަޝީދު ވިދާޅުވި އެވެ.

އެ ފްލައިތްތަކާ ބެހޭ ގޮތުން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ހުސެން އަލީ 'ސަން' އަށް ވިދާޅުވީ އެ އެއަކްރާފްޓްގެ ތަހުގީގު އެކުވެރި ގައުމުތަކާ ހިއްސާކޮށް އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އިތުރު މައުލޫމާތެއް މިވަގުތު އާއްމުކުރެވެން ނެތް ކަމަށެވެ.

އެ އުޅަނދުތައް އުދުހުމުގެ އިތުރުން އިއްޔެ އެ ސަރަހައްދުން މަސްވެރިންނަށް ފެނުނު ޑިވަސްއަކީ ކަނޑުގެ ތަހުލީލުތަކުގައި ބޭނުންކުރާ ޒާތުގެ އެއްޗެއް ކަމަށާއި ނަމަވެސް އެ ޑިވައިސްއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނޭނގޭ ކަމަށް އިއްޔެ އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި ވިދާޅުވީ އެކަމުގެ ތަހުލީލުތަށް ވެސް ކުރަމުން އަންނަ ކަމަށެވެ.

ގއ. ގެ މަސްވެރިއެއް ކަމަށްވާ ވިލިނގިލީ އިރާކުގޭ މުހައްމަދު އިދުރީސް އިއްޔެ "ސަން" އަށް ބުނީ ހުވަދޫ ކަނޑުގެ އިރުމަތިން 13 ވަރަކަށް މޭލު ބޭރުގައި ވަރަށް ތިރިން އުދުހޭ މަތިންދާބޯޓްގައި އެއީ ކޮން ގައުމެއްގެ ނުވަތަ ކޮން އެއާލައިނެއްގެ ބޯޓެއް ކަން އެނގޭނެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ. އަދި ގާތްގަނޑަކަށް 400 ފޫޓު އުހުން އެ ބޯތު އުދުހޭއިރު އެ ބޯޓު އުތުރުން ދެކުނަށް ބުރުޖަހާލަ ޖަހާލަ އުޅޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު