ޓޫރިޒަމްގައި އުޅޭ ކުންފުނިތަކަށް ހާއްސަކޮށް މަޓާޓޯ އިން ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އަމާޒުކޮށްގެން އެ ސިނާއަތް އިތުރަށް ކުރިއަރުވައި ޕްރޮމޯޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މަޓާޓޯ އިން ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މަކުއާރެންސް ޖޯންސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރޭވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ހެނދުނު ފަށައިގެން ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މަކުއަރެންސް ޖޯންސްގެ މެނޭޖިން ޑިރެކްޓަރު ނަރެންދްރާ ޖަޔަސޫރިޔާ ވިދާޅުވީ ފަތުރުވެރިކަމާ ގުޅޭ ހުރިހާކަމެއް އިތުރަށް ޕްރޮމޯޓްކުރަން ކުރިއަށްގެންދާ އެ ތަމްރީނު ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި މައުލޫމާތު ދެއްވާނީ ސޯޝަލް މީޑިއާގެ ވަސީލަތްތަށް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓްކުރުމާ ބެހޭގޮތުން ކަމަށެވެ.

"މި ޓްރެއިނިން ޕްރޮގްރާމްގައި އަޅުގަނޑުމެންގެ މައިގަނޑު ގޮތެއްގައި ކިޔައިދޭނީ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ އެބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމައް ކުރިވިދާނެ ކަންކަމާ ބެހޭ ގޮތުން. އެގޮތުން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރުމާ މައުލޫމާތު ފޯރުކޮށްދޭނެ ގޮތްތަށް ހިމެނޭނެ،" ނަރެންދްރަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭސްބުކާއި ވައިބާ އަދި ޓްވީޓާ އާއި ތަފާތު ވެބްސައިޓްތައް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މިހާ އާންމުކޮށް ބޭނުންކުރަމުން އަންނަ ދުވަސްވަރެއްގައި އެފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ހުރިހާ ދިމާލެއްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަށް އެރުވުމަށް ގިނަ މަސައްކަތްތަކެއް ފަސޭހަކަމާއި އެކު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދު ހެނދުނު ފަށައިގެން އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 73 ފަރާތަކުން ބައިވެރިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު