ޖުލައި މަހު އެސްޓީއޯ އަށް 38 މިލިއަން ރުފިޔާގެ ފައިދާއެއް!

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މި އަހަރުގެ ޖުލައި މަހުގެ ސާފު ފައިދާގެ ގޮތުގައި 38 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، މިދިޔަ ޖުލައި މަހު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ 38 މިލިއަން ރުފިޔާއަކީ އެސްޓީއޯ އިން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މައގަނޑު އަމާޒަކީ ފައިދާ ކޮންމެ މަހަކު ވެސް 40 މިލިއަނާއި 45 މިލިއަނާއި ދެމެދުގައި ހިފެހެއްޓުން، ނަމަވެސް 38 މިލިއަންގެ ފައިދާއަކީ ވެސް އަޅުގަނޑުމެން އަންދާޒާކުރި އަދަދެއް،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯ އަށް މިދިޔަ ޖޫން މަހު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވާ އިރު މެއި މަހު ލިބިފައި ވަނީ 44 މިލިއަން ރުފިޔާ އެވެ. އެ ކުންފުނިން ދަނީ ކޮންމެ މަހެއްގައި ވެސް ބޮޑު ފައިދާއެއް ހޯދަމުންނެވެ.

އާޒިމް ވިދާޅުވީ އެސްޓީއޯ އަށް އެހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ "ޚަރަދު ކުޑަކުރުން" ކަމަށާއި އެސްޓީއޯ އިން އެ ފައިދާ ހޯދަމުން އަންނަނީ އެއްވެސް މުދަލެއްގެ އަގު ބޮޑު ނުކޮށް ކަމަށެވެ. އޭގެ ބަދަލުގައި ބައެއް މުދަލުގެ އަގު ހެޔޮކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މުދާ ހަލާކުވެގެންވާ ގެއްލުންތައް ވެސް މިދިޔަ އަހަރާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށްކުރެވިފައިވާ ކަމަށާއި އެގޮތުން އެސްޓީއޯގެ މުދަލަށް ގެއްލުންވެގެން މިދިޔަ އަހަރު 19 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައިވާ އިރު މި އަހަރު މިހާތަނަށް އެއަދަދު ހުރީ 50 ހާސް ރުފިޔާ އަށް ކުޑަ ކުރެވިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު