ކ. އަތޮޅު ސްކޫލްތަކަށް "ގޯ ޑިޖިޓަލް" ތައާރަފްކޮށްފި

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކ. އަތޮޅުގެ ހުރިހާ ސްކޫލަކަށް "ގޯ ޑިގިޓަލް" ތައާރަފްކޮށްފި އެވެ.

ކ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެން ދިޔަ މަސައްކަތު ބައްދަލުވުން ނިންމުމަށް މިއަދުގެ ދަރުބާރުގޭގަައި ބޭއްވި ރަސްމިއްޔާތުގައި ކ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް "ގޯ ޑިގިޓަލް" ތައާރަފްކޮށް ދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާ އަބްދުﷲ އިސްމާއީލު ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގައި ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ހަރުކޮށް ކޮންޓެކްޓް ތައާރަފްކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ހެޔޮއެދޭ ފަރާތްތަކުގެ ސްޕޮންސާގެ ދަށުން ސްކޫލްތަކުގައި ގާއިމްކުރަން ހަމަޖެހިފައިވާ އެ ވަސީލަތްތައް ބައެއް ސްކޫލްތަކުގައި މި އަހަރުގެ ނިޔަލަށް އަދި އަނެއްބައި ސްކޫލްތަކުގައި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ތައާރަފްކުރެވޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މުޖުތަމައުން މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބީރު ކަންފަތެއް ދެވެން ނެތްކަމަށާއި އެ ކަންތައްތައް ބަދަލުކުރަންޖެހޭ ކަމަށެވެ.

"މުޖުތަމައުން ފެންނަ މަންޒަރުތަކުން އަޅުގަނޑުމެންގެ މުޅިވިސްނުން ބަދަލުކުރަންޖެހޭކަމުގެ 'ސިގްނަލްތައް' ފެންނަމުންދޭ. އެ 'ސިގްނަލް'ތަކަށް ބީރުކަންފަތެއް ދެވޭވަރަށް ވުރެ އެ 'ސިގުނަލް'ތަކުގެ އަޑުގަދަވެއްޖެ. އެހެންކަމުން މި ބަދަލުގެންނަން ވެއްޖެކަމަށް އަޅުގަނޑުމެން ގަބޫލް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް ހިންގުން ހަރުދަނާކޮށް ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި ސްކޫލްތައް ހަރުދަނާ ކުރުމަށް ފެށި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާނެ ކަމަށެވެ.

ކ. އަތޮޅުގެ ނުވަ ސްކޫލަކުން ނުވަ ޕްރިންސިޕަލުންނާއި 68 ޓީޗަރުން ބައިވެރި އެ މަސަައްކަތު ބައްދަލުވުމަކީ ސްކޫލްތައް ހަރުދަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދަށުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، 16 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ސްކޫލް ހިންގުމުގައި ކޮންމެހެން އެނގެން ޖެހޭ ސަރުކާރުގެ ގަވާއިދުތަކާއި ސިވިލް ސާވިސް އަދި ހިއުމަން ރިސޯސް މަސައްކަތް ކުރިއަށް ގެންދާނެގޮތާއި ބަޖެޓް ތައްޔާރުކުރާނޭ ގޮތުގެ އިތުރުން، ފައިސާ ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު