އައިއެސްގެ އަމަލުތަކުގެ ސަބަބުން އިސްލާމްދީނާ މެދު ދުނިޔެ ދެކޭގޮތް ހުތުރުވޭ: ދުންޔާ

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުގައި އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ޖަމާއަތުގެ އަމަލުތަކުގެ ސަބަބުން ދުނިޔެ އިން އިސްލާމްދީނާ މެދު ދެކޭގޮތް ހުތުރުވެފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އައިއެސްގެ އަމަލުތައް ކުށްވެރިކުރައްވައި އިއްޔެ ނެރުއްވި ބަޔާނެއްގައި ދުންޔާ ވިދާޅުވެފައި ވަނީ ދީން ނިވާ ފަތްގަނޑަކަށް ހަދައިގެން އައިއެސް އިން ޓެރަރިޒަމްގެ އަމަލުތަކާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށެވެ.

"...އެމީހުންގެ ފަލްސަފާ އިސްލާމްދީނުގައި ގޮވާލާފައިވާ ސުލްހަވެރިކަމާއި ތަފާތު ހިޔާލުތަކަށް ޖާގަ ދިނުމާއި އެކުވެރިކަމުގެ އުސޫލުތަކާ މުޅިން ހިލާފެވެ. އެމީހުންގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މާތް ދީނާ މެދު ދުނިޔެ އިން ދެކޭ ގޮތް ހުތުރުކޮށްފި އެވެ،" ފޮރިން މިނިސްޓަރްގެ ބަޔާނުގައިވެ އެވެ.

އެކަމަނާ އަދި ވިދާޅުވެފައި ވަނީ އިސްލާމީ އުއްމަތަށް ސުލްހައާއި ކުރިއެރުމަށް އުއްމީދުކުރައްވާ ކަމަށެވެ. އިސްލާމްދީނުގެ ރޫހާ އެއްގޮތަށް އިންސާނުންގެ ފުރާނައާއި ކަރާމަތަށް އިހުތިރާމް ކުރުމަށް ގޮވާލައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އައިއެސް އަކީ އެމެރިކާ އިން 2003 ވަނަ އަހަރު އިރާގު ހިފަން ހަމަލާ ދިނުމުން އެ ގައުމާ ދެކޮޅަށް ހަނގުރާމަ ކުރަން އުފެދުނު ޖަމާއަތެކެވެ. ފުރަތަމަ އެ ޖަމާއަތުން ބޭނުންކުރަމުން އައި ނަމަކީ "އިސްލާމިކް ސްޓޭޓް އޮފް އިރާގް" އެވެ. އަދި އޭގެ ފަހުން އަލް ގައިދާ އިން އިރާގުގެ ނަމުގައި ހަރަކާތްތެރިވުމަށް ފަހު އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް (އައިއެސްއައިއެލް)ގެ ނަމުގައި ސޫރިޔާ އަށް ހަނގުރާމަ ފުޅާ ކުރި އެވެ. އަދި އެންމެ ފަހުން އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދަކީ ވަކި ދައުލަތެއް ކަމަށް އިއުލާން ކުރުމާ ހަމައަށް އެ ޖަމާއަތަށް ކިޔަމުން އައި ނަމަކީ އައިއެސްއައިއެސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު