ކަރެކްޝަނަލް ސާވިސްގެ 134 މުއައްޒަފުން ގާނޫނީ ހުވާކޮށްފި

ދިވެހިރާއްޖޭގެ ޖަލުތައް ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުއައްޒަފުންނަށް ގާނޫނުގައި އަންގާފައިވާ ގޮތުގެ މަތިން ކުރަން ލާޒިމް ކުރާ ހުވާ އެ މުއައްސަސާގެ 134 މުއައްޒަފުން ކޮށްފި އެވެ.

އެކަމަށްޓަކައި މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަރެކްޝަނަލް ސާވިސްގެ 134 މުއައްޒަފުންނަށް ހުވާ ލައިދެއްވީ މާފުށީ ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ހަސަނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ އެކަޑަމީގެ ޑައިރެކްޓަރު ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ އެ މުއައްސަސާގެ މުއައްޒަފުން ކުރީގައި މަސައްކަތް ކުރަމުން އަންނަ ލުއި ގޮތްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަން އެބަ ޖެހޭ ކަމަށާއި ގާނޫނުން އޮފިސަރުންނަށް އަދި ބަންދުގައި ތިބޭ މީހުންނަށް ވެސް ބާރުތަކެއް ލިބިދީފައި އެބަ އޮތް ކަމަށެވެ.

"ކުއްވެރިންނަށް ވެސް އަދި ކަރެކްޝަނަލް ސާވިސްގެ މުއައްޒަފުންނަށް ވެސް އެބަވޭ ގާނޫނު އިހުތިޔާރުތަކެއް ލިބިދީފައި. އެހެންކަމުން ކުށްވެރިންނަށް ހިދުމަތް ދޭ އިރު ގާނޫނުން އެ މީހުންނަށް ލިބިފައި ހުރި އެއްވެސް ހައްގެއް ނުގެއްލޭ ގޮތަށް ހިދުމަތް ދޭން ޖެހޭ. އެހެންވެ މުއައްޒަފުން ގާނޫނަށް އަހުލުވެރިވާން ޖެހޭ. ކޮންމެ މުއައްޒަފެއްގެ ވެސް ޒިންމާއެއް ގާނޫނު ބަލައި ގާނޫނައް އަހުލުވެރި ވުމަކީ. އެއީ ހަމައެކަނި ވެރިންގެ ޒިންމާއެއް ނޫން،" އާސިފް ވިދާޅުވި އެވެ.

އޭނާ އެ ސާވިސްގެ މުއައްޒަފުން ގާނޫނަށް އަހުލުވެރި ކުރުވުމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށާއި އުންމީދު ކުރަނީ މާ ދިގު ނޫން މުއްދަތެއްގައި ކަރެކްޝަނަލް ސާވިސްގެ ހުވާ ނުކުރެވި ތިބި ހުރިހާ މުއައްޒަފުން ވެސް ހުވާ ކުރެވޭނެ ކަމަށެވެ.

ހުވާ ލައިދެއްވުމަށްފަހު މުއައްޒަފުންނާ މުހާތަބު ކުރައްވާ ގާޒީ ވިދާޅުވީ މާތްﷲ ގަންދީ ހުވައެއް ކުރުމަށްފަހު އެ ހުވައިގެ މަތީގައި ދެމިތިބުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަން މަތީ "މަރު ދުވަހާ ޖެހެންދެން ނުވަތަ ވަޒީފާއިން ވަކިވަންދެން" ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިތިބުމަށް ހުރިހާ މުއައްޒަފުންނަށް ވެސް ގާޒީ އިލްތިމާސް ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު