ޖޭއެސްސީގެ މެމްބަރު ކަމަށް އީސަ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީސަ ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. އޭނައަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މަގާމުގެ ހުވާ ކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ އީސައަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފަ އެވެ.

އީސަ އަކީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރަކު ހޮވުމަށް ހޯމަ ދުވަހު ބޭއްވި އިންތިޚާބު އީސަ ކާމިޔާބު ކުރެއްވީ ތިން ފަނޑިޔާރަކާ ވާދަކުރައްވައި 84 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވީ ވެސް ޑްރަގް ކޯޓުގެ ފަނޑިޔާރެކެވެ. އެއީ ފަނޑިޔާރު ޒުބައިރު މުހައްމަދެވެ. އެ އިންތިޚާބުގައި ޒުބައިރަށް 63 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

އިންތިޚާބުގައި ވާދަކުރެއްވި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރަށް 12 ވޯޓު ލިބިވަޑައިގަތް އިރު ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު