ތުޅާދޫ ދާއިރާގެ މެމްބަރުގެ ކަރަށް ވަޅިހަރާނެ ކަމުގެ އިންޒާރުދިނުމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ ކަރަށް ވަޅި ހަރާނެކަމަށް ބުނެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހ. ބްލޫމީޑް މުހައްމަދު ރާއިފްގެ މައްޗަށް ދައުލަތުން ކުރި ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި ވަނީ އިއްޔެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު ނާޒިމް ރަޝާދުގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިނުވާނެ ކަމަށް ރާއިފް ބުނެފައިވާ ކަމަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވާ ފަދައިން "އަދިވެސް ޖަހާނަމޭ. ދެން ކަރަށް ވަޅިއޭ ހަރާނީ" ކަމަށް ބުނެ ނާޒިމް ރަޝާދުއަށް ބިރުދެއްކި ކަމަށް ވެސް އޭނާ ޝަރީއަތުގައި އިންކާރު ކުރި އިރު ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ވެސް އެކަން ސާބިތުކުރެވިފައި ނުވާ ކަމަށް އެ ހުކުމްގައި ބުނެފައި ވެއެވެ.

"ނާޒިމް ރަޝާދުގެ ގައިގައި ޖަހައި މާރާމާރީ ހިންގައި ބިރުދެއްކިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުނުވާތީ، މާލެ، ހ. ބްރޫމީޑް މުހައްމަދު ރާއިފްގެ މައްޗަށް ކުޅަ ބިރުދެއްކުމުގެ ކުށް ޝަރީއަތަށް ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު