"އެސްއީޒެޑު ބިލުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުއްޓަސް، އިހްލާސްތެރިވެއްޖެނަމަ މަންފާ ކުރާނެ"

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިރޭ ފާސް ކުރި ސްޕެޝަލް އިކޮނަމިކް ޒޯން (އެސްއީޒެޑް)ގެ ބިލުގައި "މުޅިން ހިންހަމަ ނުޖެހޭ" ކަންތައްތަކެއް އެބަ ހުރި ކަމަށާއި އިހްލާސްތެރިކަމާއެކު ސްޕެޝަލް އިކޮނަމިކް ޒޯން މައްސައްކަތްކޮށްފިނަމަ ރާއްޖެއަށް މަންފާ ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެސްއީޒެޑުގެ ބިލު ފާސްކުރި ޖަލްސާއަށްފަހު، ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، އެސްއީޒެޑުގެ ބިލު ބައްޓަންކޮށްފައި ވަނީ ގާނޫނު އަސާސީގެ "ހުދޫދުތަކާއި އިންތަކާއި މިންތަކުގެ ތެރޭގައި" ކަމަށެވެ. އެ ބިލުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމުގައި ވިޔަސް އިހްލާސްތެރި މަސައްކަތްތަކެއް ބަޔަކު ކޮށްފިނަމަ "މުޅި ގައުމު ދަތުރު ކުރާނީ ހެޔޮ މަގަށް ކަމަށް" ގާސިމް ވިދާޅުވި އެވެ.

"މި ފާސްވެގެން ދިޔަ ބިލު [އެސްއީޒެޑް ބިލު]ގައި އަޅުގަނޑުމެން މުޅިން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރި ކަމުގައި ވިޔަސް، އިހްލާސްތެރި އަމަލެއް ހިންގަން އަޅުގަނޑުމެން ހަވާލު ކުރާ ފަރާތްތަކުން އެކަން ކުރައްވައިފިއްޔާ އަޅުގަނޑުމެން ޝައްކެއް ނުކުރަން، ހަމަ ކަށަވަރުން ވެސް މުޅި ގައުމު ދަތުރު ކުރާނީ ހެޔޮ މަގަށް. އަދި ރަނގަޅު ގޮތުގައި އޭގެ މަންފާ އަޅުގަނޑުމެން ދެކޭނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ކަންތައްތަކެއް ރާއްޖެއަށް ތައާރަފް ކުރަންޖެހޭ ކަމަށާއި އެސްއީޒެޑް މަޝްރޫއުތަކާއެކު ރާއްޖެ ވެސް ތަރައްގިއާ ދިމާއަށް ދާންޖެހޭ ކަމަށެވެ.

"މި ބިލުގައި ގައުމަށް ފައިދާ ހުރި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާތީ، އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ހިނދު، ގާނޫނު އަސާސީގެ ހުދޫދުތަކާއި އިންތަކާއި މިންތަކުގެ ތެރޭގައިކަން މީގައި [އެސްއީޒެޑް ބިލް]ގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާތީ އަޅުގަނޑުމެން ބިލު ފާސްކުރަން ވޯޓު ދިނީ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ސަރުކާރު ހިންގާ ޕީޕީއެމުން އެސްއީޒެޑުގެ ބިލަށް ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އެހުމަށްފަހު އެ ބިލު ފާސްކުރީ މިއަދު ހެނދުނުން ފެށިގެން މިރޭ 10:30 އާ ހަމަޔަށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ބިލް ފާސް ކުރުމަށް މަޖިލީހުގެ 60 މެމްބަރެއްގެ އަގުލަބިއްޔަތު ލިބުނުއިރު ބިލު ފާސް ކުރުމާ ދެކޮޅަށް 15 މެމްބަރަކު ވޯޓު ދެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު