އެސްއީޒެޑް ބިލު ފާސް ކުރެއްވުމަށް ފަހު، ރައީސާއެކު ގާސިމް މުލިއާގޭގައި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ސްޕެޝަން އިކޮނަމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކުރެއްވުމަށް ފަހު، ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މުލިއާގެ އަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލު ކުރައްވައިފި އެވެ.

ޖެޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ވޯޓާ އެކު އެސްއީޒެޑްގެ ބިލް ފާސް ކުރެއްވުމަށް ފަހު ގާސިމް މުލިއާ ގެއަށް މިރޭ ވަޑައިގެންވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާއެކުގަ އެވެ. މުލިއާގެއަށް ވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެކު ގާސިމް ވަނީ "އެއް މޭޒެއްގައި ފިނިހިއްޕެވުމަކަށް" އިންސާފު ކުރައްވާފަ އެވެ.
ގާސިމް އިބްރާހިމާއެކު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން މުލިއާގެއަށް ވަޑައިގަންނަވަނީ --- ސަން ފޮޓޯ: ހަންމާދު

"ސަން"އަށް އެނގިފައިވާ ގޮތުގައި މުލިއާގެއަށް ގާސިމް ވަޑައިގަތުމުގެ ދައުވަތު ދެއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އޭނާ އެ ދައުވަތު ދެއްވީ، މަޖިލިސް ކުރާ ގޭ ބޭރުގައި ގާސިމް އިބްރާޙިމް ނޫސްވެރިންނާ އެކު މިރޭ ބޭއްވި ޕްރެސް ކޮންފަރެންސް ނިމުނުތަނާ އެވެ.

މުލިއާގެއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވުމާ އެކު، ގާސިމް ފުރަތަމަ ދެކޮޅު ހެއްދެވި އެވެ. ނަމަވެސް ގާސިމްގެ އަތްޕުޅުގައި ހިއްޕަވައި މުލިއާގެއަށް ވަޑައިގަތުމަށް ނިހާން އެދިވަޑައިގެންނެވި އެވެ. ނިހާންގެ އެދިވަޑައިގަތުމާ އެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައި މުލިއާގެއަށް ވަޑައިގަތުމަށް ދެންނެވުމުން، މަޖިލިސް ކުރާ ގެއިން ފެށިގެން ހިންގަވާފައި މުލިއާގެ އަށް ގާސިމް ވަޑައިގެންނެވި އެވެ. އެމަނިކުފާނު މުލިއާގެއަށް ވަޑައިގަތުމަށް ޕީޕީއެމް މެމްބަރުން "އާދޭސް" ކުރެއްވި މަންޒަރު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ވެސް ފެނާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްް މުލިއާގޭގައި ރައީސް ޔާމީނާ މިރޭ ބައްދަލު ކުރެއްވިއިރު އެމަނިކުފާނުގެ ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ އެއާއިން ހިންގާ "ވިލާ އިންޓަނޭޝަނަލް އެއާޕޯޓް" ޓޮމެސްޓިކް އެއާޕޯޓަކަށް ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އަދި ވިލާ އެއާއަށް ކުއްޔަން ދީފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު ވަނީ ސަރުކާރަށް ނަގައިފަ އެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ލ. ބަރެސްދޫގެ މުއްދަތު އެ ކުންފުންޏަށް އިތުރު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު