ޣައްޒާ ފަންޑަށް ލިބުނު 29 މިލިއަން ރުފިޔާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ހިންގި " ހެލްޕް ގާޒާ ޓެލެތޯން" އާއި އަދާލަތު ޕާޓީން ހިންގި ގާޒާ ފަންޑް މޯލްޑިވްސް އިން އެއްކުރި 29461947.65 ރުފިޔާ (1.91 މިލިޔަން ޑޮލަރު) ގަތަރު ރެޑްކްރެސެންޓާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

އެމްބީސީގެ ޓެލެވިޒަން މޯލްޑިވްސްގައި މިރޭ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ގަތަރު ރެޑްކްރެސެންޓްގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދްއާ 29 މިލިޔަން ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ، ހެލްޕްގާޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީގެ ޗެއާމަން އަދި އަދި އެމްބީސީގެ ޗެއާމަން އިބްރާހީމް އުމަރުމަނިކާއި ގާޒާ ފަންޑް މޯލްޑިވްސްގެ ޗެއާމަން އަދި އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބްދުﷲ އެވެ. ރާއްޖޭން ހަދިޔާކުރި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ހަރަދުކުރާނެ ގޮތާ މެދު އެކުލަލާވާފައިވާ އެއްބަސްވުމެއްގައި ވެސް އެތިން ބޭފުޅުން ސޮއިކުރެއްވި އެވެ.
ޣައްޒާއަށް އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭން ހަދިޔާކުރި ފައިސާ ޣައްޒާގެ ރައްޔިތުންނަށް ހަރަދުކުރާނެ ގޮތާ މެދު އެކުލަލާވާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ފައިސާ ހަރަދުކުރާނީ ޣައްޒާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ކާނާއި ބޯފެނާއި ބޭސްފަރުވާގެ ފޯރުކޮށްދިމަށެވެ. އަދި އެގޮތުން ފޯރުކޮށްދޭ އެހީގެ ތަކެތީގައި ދިވެހި ދިދަ ޖަހައި، އެއީ ރާއްޖޭން ހަދިޔާކުރި ފައިސާއިން ގަނެފައިވާ ތަކެތިކަން އެނގޭނެހެން ފޯރުކޮށް ދިނުމަށް ވެސް އެ އެއްބަސްވުމުގައި ވެއެވެ.
ޣައްޒާއަށް އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގަތަރު ރެޑް ކްރެސެންޓާ ހަވާލުކުރި ޖުމްލަ 29 މިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ މި މަހު 8 އަދި 9 ވަނަ ދުވަހު ބޭއްވި ޓެލެތޯނުން އެއްކުރި 23.16 މިލިއަން ރުފިޔާ އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެކުރި 6.3 މިލިއަން ރުފިޔާއެވެ.

ރާއްޖޭން މިފަހަރު ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް އެއްކުރި ފައިސާ އަކީ ބަޔަކަށް ރާއްޖޭން އެހީތެރިވުމަށް ހިންގި ހަރަކާތެއްގައި މިހާތަނަށް އެއްކުރި އެންމެ ގިނަ ފައިސާއެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން ވެސް ރެކޯޑް މިންވަރެކެވެ. އެއީ ރާއްޖޭގެ ކޮންމެ ބޮލަކަށް ފަސް ޑޮލަރުގެ މިންވަރެވެ.
ޣައްޒާއަށް އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު