މާރާމާރީއެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހެއްގެ ފައި ބުރިކޮށްލައިފި

މިމަހު 23 ވަނަ ދުވަހުގެރޭ 10:30 ހާއިރު އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ "ފުޑްބޭންކް" ހުންނަ "ދިދި ގޯޅީ"ގައި ހިންގި މާރާމާރީއެއްގައި ޒަހަމްކޮށްލި ތިން މީހުންގެ ތެރެއިން އެންމެ ބޮޑަށް ޒަހަމްވި މީހާގެ ފައި އިއްޔެ ބުރިކޮށްލައިފި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި މާރާމާރީގެ ސަބަބުން ސީރިއަސް ޒަހަމްތަކެއް ލިބުނު ތ. ތިމަރަފުށީ، ބްލޫނިއާގޭ، އަހުމަދު އަސީލަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާގެ ފައި ބުރިކޮށްލާފައި ވަނީ އެނޫން ގޮތެއް ނެތުމުންނެވެ.

އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި އިއްޔެ ކުރި އޮޕަރޭޝަނެއްގައި އަސީލްގެ ކަނާތު ފައި ކަކުލުހުޅާ ހިސާބުން ބުރިކޮށްލާފައި ވަނީ، މާރާމާރީގައި އޭނާގެ ފަޔަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކުގެ ބޮޑުކަމުންވެ. އަދި އޭނާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ނޭވާލައްވަމުން އަންނަނީ މެޝިނެއްގެ އެހީގައިކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

އަސީލްގެ ބަނޑުން ގޮހޮރާ ދިމާއަށްވެސް ވަޅިހަރާފައިވާ އިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ ހަ ތަނަކަށް ވަނީ ވަޅިހަރާފަ އެވެ. އަދި އޭގެ ސަބަބުން އޭނާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ އޮހޮރިފައިވާތީ ކިޑްނީ ފެއިލްވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެ އެވެ.

އަސީލްގެ އިތުރުން އެރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި އަނެއް ދެމީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފަ އެވެ.

އަސީލުގެ ފައި ބުރިކޮށްލި އޮޕަރޭޝަނާގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު