އައްޑޫ ސީޓީއަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަ ހައްލުކުރާނަން: މިނިސްޓަރު ސައީދު

އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ނުދާ މައްސަލައިގަ އައްޑޫ ސިޓީ ކައުންސިލާއި، އެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްވީކޭ އާ މަޝްވަރާ ކޮށްގެން ހައްލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ދެމުންދާ ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް އެމްވީކޭއިން އެކަށިގެންވާ ގޮތެއްގައި ނުދޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ޒިންމާ އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް އިކޮނޮމިކް މިނިސްޓަރާއި އެމްވީކޭ މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝަފީގު އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ މިއަދު ހާޒިރުކޮށްފަ އެވެ.

މިއަދު ހެނދުނު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެމްވީކޭއާއި އައްޑޫ ސިޓީ ކައުންސިލާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތައް އެމްވީކޭއިން ހިދުމަތް ދެވެމުން ނުދާ ކަމަށްވާނަމަ އެހެން ބަޔަކާ ހިދުމަތް ދިނުމަށް ހަވާލު ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިހާރު ސިޓީ ކައުންސިލްގެ ވާހަކަތާއި އެމްވީކޭގެ ވާހަކަތަކަށް ބަލާއިރު މައްސަލަ ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދައްކަނީ އެއްބަސްވުމެއްގެ ވާހަކަ. ވަރަށް ސާފުކޮން އަކުރުން އަކުރަށް ލިޔެވިފައި އޮންނަ އެއްޗެއް އެއްބަސްވުމަކީ. އެމްވީކޭ އިން ވިދާޅުވަނީ އެއްބަސްވުމުގައި އެބަހުއްޓޭ ކޮށް ނުދެވޭ ކަންކަން. ސިޓީ ކައުންސިލުން ވިދާޅުވަނީ އެމްވީކޭއަކަށް އެ ހިދުމަތެއް ފޯރުކޮށެއް ނުދެވެއޭ. މިނިސްޓްރީން މި ބަލަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް ނުހުއްޓި ކުރިއަށް ގެންދެވޭތޯ. މި ދެފަރާތާ ވާހަކަ ދައްކާ ގަޑިއެއްގައިވެސް ހިދުމަތް ހުއްޓިއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެޓީގައި ސޯބެ ވިދާޅުވީ އެމްވީކޭއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ އެއްގޮތައް ކަންތައް ހިނގަމުން ނުދާ ކަމަށާއި އެއްބަސްވުމާ އެއްގޮތައް އަމަލުނުކުރާނަމަ އެއްބަސްވުން ބޭއްވުމުގެ މާނަ އެއް ނެތް ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމް ކުރިއަށް ގެންގޮސްދޭނެ ރަނގަޅު ކުންފުނިތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްވީކޭއާ ހަވާލުކޮށްގެން ދަތުރުފަތުރުގެ ނިޒާމް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކައުންސިލުން ގަބޫލުކުރާތީ އެހެން ބަޔަކާ ހަވާލު ކުރުމަށް އިއުލާން ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް އަންގަފައިވާނެ ކަމަށް ސޯބެ ވިދާޅުވި އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ދަތުރުފަތުރު ހުއްޓިއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށްވެސް އެއްބަސްވުމުގައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ދަތުރު ފަތުރުގެ ނިޒާމް ހިންގުމަށް ހަވާލުކޮށްފައިވަނީ އައްޑޫ ގަމުގައި ހުންނަ " ދޫގަސް" ހިންގަން ދިނުމަށްފަހު ކަމަށްވާއިރު ދޫގަސް ވެސް އެންމެ އެކަށީގެންވާ ގޮތައް ހިންގަމުން ނުދާ ކަމަށެވެ.

" މި އެއްބަސްވުމުގައި އެބަބުނޭ އެއްވެސް މައްސަލައެއް ދިމާވެގެންވެސް ދަތުރުތައް ހުއްޓިގެންނުވާނެ ކަމަށް. ފުވައްމުމަލަކަށް ވެސް ދަތުރުކުރެވެންވާނެ ކަމަށް ބުނެފައި އެބަ އޮތް. ދަތުރުކުރަން ޖެހޭ ޝެޑިއުލް އެ ވަނީ ދެވިފައި. އެ ޝެޑިއުލްގައި ބުނާ ލޯންޗް ދަތުރެއް ނުކުރޭ. ހަމަ އެކަނި ދެ ގަޑިއިރުން ދުވާ ދޯންޏެއް ދަތުރުކުރަނީ. ދަތުރުކުރަން ވާނެ ކަމަށް ބުނެފައި އިންނަ ސްޕީޑަކު ނޫން ދުއްވަނީ. ޓާމިނަލެއް ނޭޅޭ. ދޫގަސް އޮޕަރޭޝަނަކަށް ނާދޭ. އެހެންވީމަ މި އެއްބަސްވުން ނިމުމަކަށް ގެނެސް އެހެންބަޔަކާ ހަވާލު ކުރަން ޖެހިފައި މިއޮތީ،" ސޯބެ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަފީގު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމް ރަނގަޅަށް ހިނގަމުންދާ ކަމަށެވެ. އަދި އެމްވީކޭއާއެކު ވެފައިވާ އެއްބަސްވުމުގައި ރަޖިސްޓްރީ ކޮށްދީފައިވާ ބިމުގައި އިން ޖަހައިދީފައި އަދި ނުވާތީ އެ ކުންފުޏަށްވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބިމުގެ ކަންކަން ހަމަ ޖެހުމުން ހުރިހާ މައްސަލަތައް ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންތައް އަޅުގަނޑު ކުރާނަން [ ދަތުރުފަތުރުގެ ނިޒާމް ހިންގަދޭނަން]. ކުރެވެން އެބައޮތް. ކުރެވޭނެ. އަޅުގަނޑަކީ މީހުނަށް މަކަރުހަދާ މީހެއްނޫން،" ޝަފީގު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ބަހުގެ ހިދުމަތް ދިނުމަށާއި ފެރީގެ ހިދުމަތް ދިނުމަށް އެމްވީކޭއަށް ހަވާލުކޮށްފައިވަނީ 2009 ވަނަ އަހުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު