މަގުތަކުގައި ފެންބޮޑުވުން ހައްލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން، މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔްއެސްސީ)އާ ހަވާލުކޮށްފި އެވެ.

އެމްޑަބްލިޔްއެސްސީ ގައި މިއަދު ބޭއްވި ހަފްލާއެއްގައި ފަސް ލައްކަ ރުފިޔާގެ އެ އެއްބަަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު އުމަރެވެ. ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު މުހައްމަދު ޝިހާބެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ޝިހާބް ވިދާޅުވީ އެ އެއްބަސްވުމަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ފެންހިއްކުމަށް ބަހައްޓާފައިވާ ޕަންޕުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން އެ ޕަންޕުތައް މަރާމާތުކުރުމުގެ ޕްރޮޖެކްޓް ކަމަށެވެ.

"ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިކަމުގެ ސަބަބުން ލިބިގެންދާނެ، ނަމަވެސް ފެންބޮޑުވުން އެއްކޮށް ނުހުއްޓުވޭނެ،" ޝިހާބް ވިދާޅުވި އެވެ.

ޝިހާބް ވިދާޅުވީ، މަރާމާތު ކުރުމަށް ހަވާލުކުރި ޕަންޕުތައް އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭތާ ދެ އަހަރުވެފައިވާ ކަމަށެވެ. އާ ޕަންޕުތަކެއް އެކިސަރަހައްދުގައި ބެހެއްޓުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެމްޑަބްލިޔްއެސްސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ އެ ކުންފުންޏާ ހަވާލުވި އެ ޕްރޮޖެކްޓްގެ ދަށުން މާލޭގެ ދެކުނުގެ ފަސް ސަރަހައްދެއްގައި ބަހައްޓާފައިވާ ހަތް ޕަންޕެއް މަރާމާތު ކުރެވޭނެ ކަމަށެވެ. މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައި ހުރި ޕަންޕުތަކުގެ ބަދަލުގައި އާ ޕަންޕުތައް ބެހެއްޓިގެންދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިމިވަނީ 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް، ނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އޭގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ސަރުކާރުގެ ވިސްނުން ހުރީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ ބަދަލުގައި އަލުން ހެދުމަށް ކަމަށެވެ. އެގޮތުން މިއަހަރު ތެރޭގައި ކޮންސަލްޓެންސީ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާރޭ ފޮދެއް ވެހިލާއިރަށް މާލޭގެ ބޮޑު ބައެއްގައި އުނދަގޫވާވަރަށް ފެންބޮޑުވެއެވެ. އަމީނީ މަގުން ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާ ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. އަދި ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައިވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު