ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް 60 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 15 މެމްބަރުންނެވެ.

ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ އެ ބިލް ފާސްކުރުމަށް ވޯޓު ދެއްވައިފަ އެވެ. އެބިލާ ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ އެމްޑީޕީގެ މެމްބަރުންނެވެ.

އެބިލް މިރޭ ފާސްކޮށްފައި ވަނީ އެކި ޕާޓީތަކުން ހުށަހެޅި ޖުމްލަ 274 އިސްލާހު ފާސްކުރަން ފެންނަ ކަމަށް މިއަދާއި މިރޭ ވޯޓަށް އެހުމަށްފަހު އެވެ. އެ އިސްލާހުތަކުގެ ތެރެއިން ހަމައެކަނި ފާސްކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ހުށަހެޅި އިސްލާހުތަކެވެ.

ކޮމެޓީ މަރުހަލާގައި އެ ބިލް ދިރާސާކުރިއިރު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ ކޮމެޓީ ބޮއިކޮޓު ކޮށްފަ އެވެ.

ސްޕެޝަލް އިކޮނަމިކް ޒޯންގެ ބިލުން ހާސިލު ކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާއި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި ޒޯންތަކެއް ކަނޑައެޅުން ހިމެނެ އެވެ. އަދި ދރާއްޖޭގައި ކުރާ އިންވެސްޓްމެންޓްތައް އިތުރުކުރުމާއި އެ އިންވެސްޓްމެންޓްތައް މެދުވެރިކޮށް ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަކީ ވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެ އަށް ނަގުލުކުރުވުމާއި ވަޒީފާގެ ފުރުސަތުތައް އުފައްދައި ފުޅާކުރުމާއި އަދި މުދަލާއި ޚިދުމަތް އުފެއްދުން އިތުރުކޮށް އާލާކުރުމަކީ ވެސް އެ ގާނޫނުގެ މަގުސަދެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލުގައި ބުނެފައިވާ ގޮތުން ޒޯންތައް ތަރައްގީ ކުރުމާއި އެ ޒޯންތަކުގައި އިންވެސްޓް ކުރުމާ ގުޅޭ އުސޫލްތައް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވޮލަޕަރުންމާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ މުދަލަށް ދެވޭހިމާޔަތް ކަނޑައެޅުމާއި އެ ޒޯންތަކުގެ ޑިވަލޮޕަރުންނާއި އެ ޒޯންތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ އިންޔާތައް އެ ގާނުނުގެ ދަށުން ކަނޑައެޅިގެންދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު