"ބަރަހަނާ ވެބްސައިޓެއް" ވިޔަފާރި އުސޫލުން ހިންގި މީހަކު އަތުލައިގެންފި

ދިވެހިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިޔަފާރި އުސޫލުން ބޭނުން ކުރަމުން އައި ވެބްސައިޓެއް ފުލުހުން އަތުލައިގެންފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައިބާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، އިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާއު ވިދާޅުވީ އެ ވެބްސައިޓު ހިންގާ ކަމުގެ މައުލޫމާތު އާންމު ފަރާތަކުން ޕޮލިސް އިންޓެލިޖެންސާ ހިއްސާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި މިހާރު އެ ވެބްސައިޓު ޑައުންކޮށްފައިވާ ކަމަށެވެ.

ތަހުގީގުން ފާހަގަ ކުރެވުނު ގޮތުގައި އެ ވެބްސައިޓަކީ ވިޔަފާރި އުސޫލުން ޕްރައިމަރީ މެމްބާޝިޕް ވިއްކައިގެން ހިންގަމުން ސައިޓެއް ކަމަށް ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޮލިސް އިންޓަލިޖެންސާއި އދ. މަހިބަދޫ ޕޮލިސްޓޭޝަނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ވެބްސައިޓު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އިލެކްޓޯނިކް އާލާތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު އެނަލައިޒް ކުރަމުން އަންނަ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

"މި ވެބްސައިޓު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައި. މި ދެންނެވި ދެ ތަން ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އިލެކްޓޯނިކް އާލާތްތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. އަދި އެއާލާތްތައް އެނަލައިޒް ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ޝިފާއު ވިދާޅުވި އެވެ.

އެ ވެބްސައިޓު ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވީ އެވެ.

ކޮންމެ އުމުރެއްގެ ކުއްޖަކަށް ސްމާޓު ފޯނާއި ލެޕްޓޮޕާއި އައިޕެޑް ފަދަ ތަކެތި ބެލެނިވެރިންދޭއިރު އެފަދަ ތަކެތި ގެންގުޅޭ ގޮތް ބެލުމަށް ޝިފާއު ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވައިފަ އެވެ.

"ކޮންމެ އުމުރެއްގެ ކުއްޖަކަށް ސްމާޓު ފޯނާއި ލެޕްޓޮޕާއި އައިޕެޑް ފަދަ ތަކެތި ދެއްވާއިރު އެފަދަ ތަކެތި މޮނިޓާ ކޮށް ހެދުމަކީ މިފަދަ ތަކެތީގެ ޝިކާރައިން ދަރިން ދުރުކުރުމަށްޓަކައި އެޅިދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ތިޔަ އެންމެހައި މައިންބަފައިންނަށް އަޅުގަނޑު އަރުވަން،" ޝިފާއު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު