އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓި ތުއްތުކުއްޖަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ ދެވަނަ ބުރިން ވެއްޓި އުމުރުން ދޮޅު އަހަރުގެ ތުއްތުކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިގަން މެދުވެރިވީ، ހެންވޭރުގައި ހުންނަ އެ ގޭގެ ދެވަނަ ފަންގިފިލާގެ ސިޓިން ރޫމުގެ ކުޑަދޮރެއްގެ ކައިރީ ބަހައްޓާފައި ހުރި ސޯފާއެއްގެ މައްޗަށް ކުޅެން އަރައި އުޅެނިކޮށް އެކުއްޖާ ކައްސާލައިގެން ކުޑަދޮރުން ބޭރަށް ވެއްޓިގެންނެވެ. އެކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އުމުރުން 1 އަހަރާ ތިންމަހުގެ ފިރިހެން ކުއްޖަކު ގެއެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓިގެން ލިބުނު އަނިޔާތަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

"އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ލިބުނު ގޮތުގައި ޑޮކްޓަރުން ވަނީ އެ ކުއްޖާއަށް ފަރުވާދޭން ފަށާފައި. އަދި ހުރިހާ ޑައިގްނޯސްއެއް ނުނިމޭތީ އަޅުގަނޑަށް މިވަގުތު ދަންނަވަން ދަތި ކިހާވަރެއްގެ އަނިޔާތަކެއް ކަން ލިބިފައިވަނީ. އެހެންވީމާ ޑޮކްޓަރުން ފަރުވާދީ ނިންމުމަށްފަހު ރިޕޯޓުތައް ލިބުމުން އަޅުގަނޑަށް އިތުރު މައުލޫމާތެއް ދެވޭނީ،" އައްފާލު ވިދާޅުވި އެވެ.

މިރޭ 8 ޖަހާކަންހާއިރު އެ ހާދިސާ ހިނގާފައިވަނީ، ހެންވޭރު ހަދީބީ މަގުގައި ހުންނަ ގެއެއްގައެވެ. އަދި އެ ކުއްޖާއަކީ ގއ. ދެއްވަދޫ އާއިލާއަކަށް ނިސްބަތްވާ ދެމަފިރިއެއްގެ ކުއްޖެއް ކަމަށްވެސް ސަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު