މަހިބަދޫ އަތުން މޮޅުވެ ވިކްޓަރީ ގަދަ ހައެއް ކަށަވަރުކޮށްފި

ހުސެއިން ޝިމާޒް (ކޮކީ) ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ ވިކްޓަރީ ސްޕޯޓްސް ކްލަބް ލީގުގެ ގަދަ ހައެއްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ވިކްޓަރީއާއެކު ދިވެހި ލީގުގެ ގަދަހައެއްގެ ޖާގަ މިހާތަނަށް ކަށަވަރު ވެފައިވަނީ، ތާވަލުގެ އެއްވަނައިގައި 33 ޕޮއިންޓާއެކު އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، 31 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަނާއި 19 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތް ކްލަބް އީގަލްސް އެވެ.

ކްލަބް އީގަލްސްއާއި ބީޖީ ސްޕޯޓްސް ލީގުގައި މިރޭ ވާދަކުރާ މެޗަށް ފަހު ދެވަނަ ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެމެޗަށް ވެފައިވާ އިރު، މިއަދު މަހިބަދޫ އަތުން ލިބުނު މޮޅާއެކު ތާވަލުގެ ހަތަރު ވަނައިގައި ވިކްޓަރީ މިހާރު އޮތީ 17 ޕޮއިންޓާއެކު އެވެ. އެހެން ކަމުން ބާކި އޮތް ދެ މެޗުން މޮޅުވެގެން ވެސް ވިކްޓަރީއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރުމުގެ ފުރުސަތު ލިބޭނީ ވިކްޓަރީ އަތުން މިއަދު ބަލިވެ ތާވަލުގެ ފަސްވަނައިގައި 11 ޕޮއިންޓާއެކު މިވަގުތު އޮތް މަހިބަދޫ ސްޕޯޓްސް އަށެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީވެސް ވިކްޓަރީންނެވެ. އެޓީމަށް މަހިބަދޫ ގޯލް ހުޅުވާލި ލަނޑު ކޮކީ ޖަހައިދިނީ މެޗުގެ 20 ވަނަ މިނިޓްގައެވެ.

ދެވަނަ ހާފު ފެށިގެން 53 ވަނަ މިނިޓްގައި ވިކްޓަރީއަށް ނަތީޖާ ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތުގެ ހުރަކަށްވީ މަހިބަދޫ ގޯލް ކީޕަރު މުހައްމަދު ޖަޒްލާންއެވެ. އެގޮތުން ވިކްޓަރީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިކްޓަ މަޓީފް ފޮނުވާލި ހަމަލާ ޖަޒްލާން މަތަކުރީއެވެ. އެހެން ނަމަވެސް އޭގެ ހަތް މިނިޓްފަހުން ކޮކީ ވަނީ، ބޮލުންޖަހައި މަހިބަދޫ ގޯލްތެރެއަށް ބޯޅައެއް ވައްދާލައިގެން ވިކްޓަރީގެ ލީޑު 2-0 އަށް ފުޅާކޮށްދީފަ އެވެ.

މެޗުގައި މަހިބަދޫއަށް ކާމިޔާބުކުރެވުނު ހަމަ އެކަނި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން 74 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ނެސެމަން ރޮޑްރިގް ޓަހީ އެވެ.

މެޗަށްފަހު ވިކްޓަރީ ކޯޗް، މުހައްމަދު އާތިފް (އާތީ) ބުނީ، މެޗުން މޮޅުވި ނަމަވެސް ޓީމުގެ އަސްލު ކުޅުން ނުދެއްކުނު ކަމަށެވެ. އަދި އެޓީމަށް މިހާހިސާބަށް އާދެވުނީ، ޓީމުގެ މެނޭޖްމަންޓުން ލިބުނު އެހީތެރިކަމާއި ކުޅުންތެރިންގެ ބުރަ މަސައްކަތުންކަން އާތީ ފާހަގަކުރި އެވެ.

މަހިބާދޫ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، އޭނާގެ ޓީމުން މިއަދުގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެހެން ނަމަވެސް ނަތީޖާ ނުނެރެވުނީ، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފެވުމާއި ކުޅުންތެރިންގެ ތަޖުރިބާ މަދުވުމުން ކަމަށެވެ.

މިޑްސީޒަން ބްރޭކަށް ދިއުމުގެ ކުރިން ދިވެހި ލީގުގައި ކުޅޭ ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް ބީޖީ ނުކުންނާނީ މިރޭ 21:00ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު