ކޮނޑޭ ކައުންސިލްގެ އިންތިޚާބު ޔުމްނާ ކާމިޔާބު ކުރައްވައިފި

މިއަދު ބޭއްވި ގއ. ކޮނޑޭ ކައުންސިލްގެ ދެވަނަ ބުރު އަމިއްލަ ގޮތުން ވާދަކުރެއްވި ކޮނޑޭ، ހިރިޔާ، ޔުމްނާ ގާސިމް ކާމިޔާބު ކުރައްވައިފި އެވެ.
މާލެއާއި ރަށުގައި ބެހެއްޓި ދެ ވޯޓު ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ޔުމްނާ އަށް 138 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކޮނޑޭ ވައިލެޓްވިލާ، ސާޖިދާ މުހައްމަދަށް 21 ވޯޓު ލިބިވަޑައިގަތް އިރު އަމިއަލަގޮތުން ވާދަކުރެއްވި އެރަށު އުޖާލާގޭ، ނާހިދާ ހަސަންދީދީ އަށް ލިބިވަޑައިގަތީ 80 ވޯޓެވެ.
ކޮނޑޭ ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އިންތިޚާބުގައި ފަސް ވަނަ އަށް ދިޔަ ކެންޑިޑޭޓާއި ހަ ވަނަ އަށް ދިޔަ ކެންޑިޑޭޓް އެއްވަރުވުމުންނެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ކޮނޑޭ ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އެރަށު ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް އެކަނި ކަމަށެވެ.

ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވި ކޮނޑޭ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އަމިއްލަގޮތުން ވާދަކުރެއްވި އެރަށު ނޫއަލި، މުރުތަޟާ ސަލީމާއި، އެރަށު ދޯދި، އަޙްމަދު އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އެރަށު ކުދިމާގޭ ސިޔާމް މުޙައްމަދުގެ އިތުރުން އަމިއްލަގޮތުން ވާދަކުރެއްވި ގާނޫނީ ވަކީލު ޝާން މުހައްމަދެވެ.

އެބޭފުޅުންގެ ތެރެއިން މުރުތަޟާ އާއި އަހްމަދު އިބްރާހީމް ވަނީ ކައުންސިލަރު ކަމުގެ ހުވާކުރައްވާފަ އެވެ. ނަމަވެސް ޝާން ވަނީ ކައުންސިލަރުކަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ ލޯކަލް ގަވަމެންޓު އޮތޯރީޓީއަށް ސިޓީއަކުން އަންގަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު