ށ. އަތޮޅު ހޮސްޕިޓަލާއި ނަޑެއްލާ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދެ ހޮސްޕިޓަލަކާއި ސިއްހީމަރުކަޒެއް މަރާމާތުކުރަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

މަރާމަތު ކުރުމަށް މިއަދު ހަވާލުކޮށްފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލާއި ގދ. ނަޑައްލާ ސިއްހީ މަރުކަޒެވެ. ށ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެރަށު ރޯޝަނީގެ އަބްދުލް ޣަފޫރު އާދަމާ އެވެ. ގދ. ނަޑައްލާ ސިއްހީ މަރުކަޒު މަރާމާތުކުރަން ހަވާލުކޮށްފައި ވަނީ ޑީއެންއެމް ހާޑްވެއާ އެވެ. އެ ދެ ފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

ށ. އަތޮޅު ހޮސްޕިޓަލް މަރާމާތުކުރަން އަބްދުލް ޣަފޫރު އާދަމާ ހަވާލުކޮށްފައި ވަނީ 681،535 ރުފިޔާ އަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލުގެ ސީލިންގް މަސައްކަތާއި ފާރުގައި އަޅާފައިވާ ރެނދުތައް މަރާމާތުކުރުމާއި ފާހާނާ މަރާމާތުކުރުން ފަދަ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ށ. އަތޮޅުގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެ އަތޮޅު މިލަންދޫ އާއި ށ. ބިލެއްފަހީ ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ގދ. ނަޑައްލާ ސިއްހީ މަރުކަޒު މަރާމާތުކުރަން ޑީއެންއެމް ހާޑްވެއާއި ހަވާލުކޮށްފައި ވަނީ 654،950 ރުފިޔާ އަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން އިމާރާތުގެ ކަރަންޓުވައިރު އެއްކޮށް ބަދަލުކުރުމާއި ވޯޑުގެ ބެޑްސައިޑް ރެއިލިން ބަދަލުކުރުމާއި ފާޚާނާތައް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ގދ. އަތޮޅުގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ވާދޫ އާއި މަޑަވެއްޔާއި ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތްދޭ ހުރިހާތަންތަނުގެ"އާބާތުރަ" ފިލުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި މިނިސްޓްރީގެ އަޒުމަކީ މި އަހަރު ނިމެންވާ އިރަށް އެ ހުރިހާ ތަންތަން މާރާމާތު ކުރުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު