ގައުމީ ހޭންޑްބޯލް މުބާރާތުގެ ދެ ޑިވިޝަންގެ ފައިނަލް މިރޭ ކުޅެނީ

ބީއެމްއެލް ގައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިރޭ ހެންވޭރު އަޑިޕާކުގައި އޮންނަ ޕީކޭ ދަނޑުގައި ކުޅޭނެ އެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދާފައިވަނީ، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާއި ރައިސަސް ސްޕޯޓްސް ކްލަބެވެ. އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ ޔޫތު ސްޕޯޓްސް ކްލަބާއި ރައިސަސް ސްޕޯޓްސް އެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުން ދިވެހި ސިފައިން ޖާގަ ހޯދީ ލީގު އުސޫލުން ކުޅުނު ދެ ރައުންޑުގައި އެޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. އަދި ރައިސަސް ސްޕޯޓްސް ފައިނަލުން ޖާގަ ހޯދީ ތިން ޓީމު ވާދަކުރި އެ ޑިވިޝަންގައި އެޓީމު ކުޅުނު ހަތަރު މެޗުންގެ ތެރެއިން ތިން މެޗުން މޮޅުވެ 9 ޕޮއިންޓު ހޯދައިގެންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން ރައިސަސް ސްޕޯޓްސް ޖާގަ ހޯދީ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްގެން ލިބުނު 9 ޕޮއިންޓާއެކު އެވެ. އަދި ޔޫތު ސްޕޯޓްސް ފައިނަލުން ޖާގަ ހޯދީ ހަތަރު މެޗުން ކުޅެގެން ދެމެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައިގެންނެވެ.

މިރޭ ފުރަތަމަ ކުޅެން ހަމަޖެހިފައި ވަނީ އަންހެން ޑިވިޝަންގެ ފައިނަލް މެޗެވެ. އެ މެޗު ފަށާނީ 8:30ގަ އެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފަށަން ހަމަޖެހިފައި ވަނީ މިރޭ 9:30 ގައެވެ.

ތަފާތު ސަބަބުތަކާ ހުރެ ދެފަހަރެއްގެ މަތިން ފަސް ކުރުމަށްފަހު، މި މަހު 15 އިން 22 އަށް ކުރިއަށް ގެންދާ ގޮތަށް ފެށި މުބާރާތުގެ ފައިނަލް މެޗު ލަސްވެފައި ވަނީ، މޫސުމް ގޯސްވުމުގެ ސަބަބުން މުބާރާތުގެ މެޗުތައް ފަސްކުރަން ޖެހުމާ ގުޅިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު