ރިޟުވާންގެ މައްސަލާގައި ޕްރައިވެޓް ކާރެއް ހިފަހައްޓައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ހޯދަން ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ޕްރައިވެޓް ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި ބޭނުން ކުރަމުން އަންނަ ރަތް ކުލައިގެ ކާރެކެވެ. އެ ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާގަ އެވެ. އަދި ހުޅުމާލޭގައި ބޭނުން ކުރަމުން އަންނަ ރަތް ކުލައިގެ ދެ ޓެކްސީއަކާއި ޕްރައިވެޓް ކާރެއްގެ ޑްރައިވަރުންނާ ވެސް މި މައްސަލާގައި ސުވާލުކޮށްފައިވާ ކަން ވެސް ސަން އަށް ވަނީ އެނގިފަ އެވެ. މީގެ އިތުރުން މާލޭގެ ބައެއް ރަތް ކާރުތަކުގެ ވެރިފަރާތްތަކާ ވެސް ސުވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ސަން އަށް ވަނީ ލިބިފަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.

ރިޟުވާން ގެއްލުނު ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމަންޓްގެ ކުރިމަތިން މީހަކު ގަދަކަމުން ވެހިކަލަކަށް އަރުވައިގެން ގެންދިޔަ ކަމަށް ރިޟުވާން މަސައްކަތް ކުރަމުން ގެންދިޔަ މިނިވަން ނިއުސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން ވެސް ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"އެފަދަ ހާދިސާއެއް [ރިޟުވާން ހުޅުމާލޭގައި އުޅޭ ގެ ހުންނަ މަގުން މީހަކު ވެހިކަލަކަށް ލައިގެން ބަޔަކު ގަދަކަމުން ގެންދިޔަ] ހިނގައި ފުލުހުންނަށް ރިޕޯޓް ކުރެވިފައި އެބަ އޮތް. އެހެން ނަމަވެސް އެ ހާދިސާއާ ރިޟުވާންއާ ގުޅުން އޮތް ކަން އަދި އެނގިފައެއް ނުވޭ. އެކަމަކު އެމަގުގައި ތަހުގީގު އެބަ ހިނގާ، އަދި އިތުރު ލައިންތަކުގައި ވެސް ފުލުހުންގެ ތަހުގީގު ކުރިއަށް އެބަދޭ،" އުމަރު ވިދާޅުވި އެވެ.

ރިޟުވާން ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި އެ މައްސަލާގައި ހަތަރު މީހެއްގެ ޕާސްޕޯޓް ވެސް މިއަދު ވަނީ ހިފަހައްޓާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު