އެލްޖީއޭ ބޯޑަށް އާމިރު އައްޔަން ކުރަން ފާސްކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މަދަނީ ޖަމިއްޔާތަކުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި ގއ. ކަނޑުހުޅުދޫ، ހެޕީކޯނަރު އަލީ އާމިރު އެ ބޯޑަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް އެލްޖީއޭ ބޯޑަށް މަދަނީ ޖަމިއްޔާތަކުން ކުރިމަތިލެއްވި 12 ބޭފުޅުންގެ ނަން ދިރާސާ ކުރި ކޮމެޓީން، ފާސްވާ މިންވަރަށް މާކްސް ލިބިވަޑައިގެންނެވީ ވެސް އާމިރަށެވެ. ކަނޑުހުޅުދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)ގެ ފަރާތުން އެލްޖީއޭ ބޯޑަށް ކުރިމަތިލެއްވި އާމިރަށް ލިބިވަޑައިގެންނެވީ 86.1 ޕަސެންޓް މާކުހެވެ.

އެލްޖީއޭ ބޯޑަށް އާމިރު އައްޔަން ކުރެއްވުމަށް މަޖިލީހުން މިއަދު ފާސްވީ 75 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެމްބަރުން ވޯޓު ނުދެއްވަ އެވެ. ނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެންމެ މެމްބަރުން ތަޅުމުގައި އިންނެވި އެވެ.

އެލްޖީއޭ ބޯޑަށް މެމްބަރަކު އައްޔަން ކުރުމުގައި މަޖިލީހުން ބަލާފައި ވަނީ ކޭޕަބިލިޓީ އާއި އެކްސްޕީރިއަންސާއި ލީޑާޝިޕް އެންޑް ވިޜަން އާއި އިންޓަގްރެޓީގެ އިތުރުން ހާސިލްކޮށްފައިވާ ތައުލީމާއި މަސައްކަތާ ހުރި ގުޅުމެވެ.

އާމިރަކީ ސާނަވީ ތައުލީމު ދިނުމުގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ގއ. އަތޮޅު ކައުންސިލުގެ ގެމަނަފުށީ ދާއިރާއަށް ކުރިމަތިލައްވައި އެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރައްވައި ތިން އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވެ އެވެ. ކައުންސިލަރުކަން ކުރެއްވި މުއްދަތުގައި އާމިރު ވަނީ ރާއްޖެއިން ބޭރުން ލާމަރުކަޒީ ނިޒާމާ ގުޅޭ ތަމްރީނުތަކެއް ހޯއްދަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު