ދުންފަތް ކޮންޓްރޯލް ކުރާ މުއާހަދާ ރާއްޖޭން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ: ޑަބްލިއުއެޗްއޯ

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" (އެފްސީޓީސީ) ރާއްޖޭން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އެފް ސީޓީސީ ފުރިހަމައަށް ތަންފީޒު ކުރުމަށް ރާއްޖޭން ކުރަން ހުރި ކަންކަމާ ބެހޭ ގޮތުން ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މަޝްވަރާ ކުރުމަށް ޓްރޭޑާސް ހޮޓަލުގައި މިއަދު ފެށި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯ ރެޕްރެޒެންޓެޓިވް ޑރ. އަކްޖެމަލް މެގްޓިމޯވާ ވިދާޅުވީ ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތް ކުރުމަށް ޓަކައި އެފްސީޓީސީގެ ސަގާފަތްތައް ރާއްޖޭން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

"...ދިވެހިރާއްޖެއަކީ ޑަބްލިއުއެޗްއޯ ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް ގައި އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. ސިނގިރޭޓް ފޮށިތަކުގައި ސިއްހީ އިންޒާރުގެ ލިއުން ހިމެނުމަށް 2005 ގައި ސާކިއުލާއެއް ނެރުނު. ދުންފަތުގެ ބާވަތްތައް އިސްތިހާރު ކުރުން 1998 ވަނަ އަހަރު މަނާކުރި. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަކަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި. ދުންފަތުގެ އިސްތިއުމާލު ނުކުރާ ސަރަހައްދުތައް ކަނޑައެޅުމަށް 2012 ވަނަ އަހަރު ގާނޫނެއް 2012 ވަނަ އަހަރު އެކުލަވައިލި. ދުންފަތުގެ ނުރައްކާތަކުން މީހުން ސަލާމަތް ކުރުމަށް ޑަބްލިއުއެޗްއޯ އެފްސީޓީސީގެ ސަގާފަތް ފުރިހަމައަށް ރާއްޖޭން އަދިވެސް ތަންފީޒުކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލްކުރާ ފިރިހެނުން ރާއްޖޭގައި ގިނަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ފިރިހެނުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ.

ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރް އަދި އެކްޓިން ހެލްތު މިނިސްޓަރް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ވަރަށް އިސްރާފު ބޮޑު، ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރް ވިދާޅުވީ ރާއްޖޭގައި ވަކިން ކަންބޮޑުވާ ކަމަކީ ދުންފަތުގެ އިސްތިއުމާލްކުރާ ކުޑަކުދިންގެ އަދަދު އިތުރުވުން ކަމަށެވެ.

"... ވަކިން ކަންބޮޑުވާން ޖެހޭ ކަމަކީ މިވަބާގައި ޖެހޭ ކުޑަކުދިން އިތުރުވެ، އެކުދިން މިކަންތައް ފަށާ އުމުރު ހަގުވުން،" އޭނާ ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) އިން މިއަދު ފެށި ބައްދަލުވުމުގައި ބައިވެރި ވުމަށް ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވާ ދައުލަތުގެ އެންމެހާ އިދާރާ ތަކާއި ސިވިލް ސޮސައިޓީގެ ފަރާތްތަކާއި މީޑިއާތަކުގެ އިސްވެރިންނަށް ދައުވަތު ދީފައި ވެއެވެ. އަދި އެގޮތުން ދައުވަތު ދިން ގިނަ ފަރާތްތަކުން ބައްދަލުވުމުގައި ބައިވެރިވިއެވެ.

އެޗްޕީއޭ އިން ބުނީ އެފް.ސީ.ޓީ.ސީ އިން ލާޒިމްކުރާކަންކަންކަމާއި ރާއްޖޭގެ ޙާލަތާއި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ދޭދޭ އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ދުންފަތުގެ ސިނާއަތުން އަޅާ ހުރަސަތަކާ ބެހޭ ގޮތުންނާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް މޮނިޓަރ ކުރާނެގޮތް އަދި ދުންފަތުން ޓެކްސް ނެގުމުގައި އެކްސައިޒް ޓެކްސް ނެގުމުގެ މުހިއްމުކަމާ ބެހޭ ގޮތޮން ވެސް މަޝްވަރާކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު