އޭވައިއެލް އަތުން ފަސޭހަ މޮޅަކާއެކު ނިއު ލީގުގެ އެއްވަނައަށް

ދިރާގު ދިވަހި ލީގުގައި ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 4-0 ލަނޑުން ފަސޭހަކަމާއެކު މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ލީގުގެ އެއްވަނަ ނިއުއަށް ލިބިފައި ވަނީ، އެޓީމު ކުޅުނު 12 މެޗުން 33 ޕޮއިންޓް ހޯދައިގެނެވެ. އިއްޔެ ހަވީރު ކްލަބް ވެލެންސިޔާއަތުން 2-0 ލަނޑުން މޮޅުވި މާޒިޔާ، 12 މެޗު ކުޅެގެން 31 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނަނައިގައި އޮތްއިރު 11 މެޗުން ހޯދި 19 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައި އޮތީ ކްލަބް އީގަލްސް އެވެ.

ރޭގެ މެޗުގައި ނިއުރޭޑިއަންޓުން ޖެހި ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮސްޓްރޭލިޔާ މިޑްފީލްޑަރު ޑޭން މިލޮވަނޮވިޗް އެވެ. މެޗުގެ 27 ވަނަ މިނިޓްގައި އަހްމަދު ހަސަން ޖަހައިދިން ލަނޑާއެކު ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ.

ނިއުގެ ތިން ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މުޙައްމަދު އުމޭރު އެވެ. އަހްމަދު ނިޔާޒު އޭވައިއެލްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން އުމޭރު ލަނޑު ޖެހިތާ 19 މިނިޓް ފަހުން ނިއުގެ ހަތަރު ވަނަ ލަނޑު އެޓީމަށް ޖަހައި ދިނީ އުމޭރު ތަނަވަސް ކޮށްދިން ފުރުސަތަކުން އަހުމަދު ސުހައިލެވެ.

މެޗަށްފަހު ނިއުގެ ކޯޗު މިކާ ލޮންސްޓްރޮމް ބުނީ، ޓީމުގެ ޑިފެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށާއި ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނީ، ޓީމުގެ ފަހަތަށް ކުޅޭ ކުޅޫންތެރިން އެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމުން ކަމަށެވެ.

ރޭގެ މެޗުން ބަލިވެ ގަދަ ހަޔަކުން ޖާގަ ހޯދުމަށް މުހިއްމު ތިން ޕޮއިންޓު ގެލު އޭވައިއެލްގެ ކޯޗު އަހްމަދު ނާޝިދު (ނާދު) ބުނީ، ނިއު ފަދަ ޓީމަކާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މި މެޗުން ބަލިވި ނަމަވެސް ރެލިގޭޝަންގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށާއި، ގަދަ ހައެއްގައި ހިމެނުމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ނާދު ބުންޏެވެ.

ލީގުގައި އިއްޔެ ހަވީރު ވެލެންސިޔާއަތުން މާޒިޔާ މޮޅުވި މެޗުގައި އެޓީމަށް ލަނޑުތައް ޖަހައި ދިނީ، މުހައްމަދު އިރުފާނާއި އަސަދުﷲ އަބްދުﷲ އެވެ.

ދިވެހި ލީގުގައި މިއަދު ވެސް ދެމެޗު ކުޅޭނެ އެވެ. އެގޮތުން ހަވީރު 40:00ގައި ފަށަން ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ 14 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި 11 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މިއަދު ކުޅޭ ދެ މެޗަށް ފަހު މިޑް-ސީޒަން ބްރޭކަށް ލީގުގެ ކުޅުން މެދު ކަނޑައިލާ އިރު މިރޭ 9:00ގައި ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ތާވަލުގެ ފުލުގައި ފަސް ޕޮއިންޓާއެކު އޮތް ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު