ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓް ވޯކެއް އަތުލައިގެންފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ބޮޑު ނެޓްވޯކެއް އަތުލައިގަނެ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގ. ޕާކަރު ހައުސް އިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ޕާކަރު ހައުސް ބަލައިފާސްކުރި އިރު، މަސްތުވާތަކެތި އަޅާފައި ހުރި ބެލްޓް ސައިޒްގެ ތިން ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ސާމާނާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ 20 އަހަރުގެ މީހާ ދިރިއުޅެމުންދިޔަ ގ. ބްލޫވެސްޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެގޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރުމަށް ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން އިއްޔެރޭގެ ވަގުތެއްގައި ވަނީ 22 އަހަރުގެ މީހާ ދިރިއުޅެމުންދިޔަ ހުޅުމާލެ ފްލެޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. ފުލުހުން ބުނީ އެފްލެޓް ބަލައި ފާސްކުރި އިރު، 150000 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު