ސްޕެޝަލް އިކޮނޮމިކް ޒޯން އަކީ ކޮބާ؟

އަޅުގަނޑުމެންގެ ތެރެއަށް ސްޕެޝަލް އިކޮނޮމިކް ޒޯން (ސެޒް)ގެ އަޑު ގުގުމައިގެން މިދިޔައީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވައިގެން އުޅޭ ބިލަކާ ގުޅިގެންނެވެ. މިބިލުގެ މަޤްޞަދަކީ މިނިވަން ވިޔަފާރިއަށް ސަރަހައްދުތަކެއް ކަނޑައެޅުމާއި، އެސަރަހައްދުގައި އިންވެސްޓް ކުރެވޭނެ މަގު ފަހިކުރުމާއި، ސަރަހައްދު ތަރައްޤީކުރާނެ ފަރާތްތަކާއި، އިންވެސްޓްކުރާނެ ފަރާތްތަކަށް އިނާޔަތް ދެވޭނެ ގޮތްތަކެއް ހޯދައި ދިނުމެވެ.

އާންމުކޮށް ފޮރިން އިންވެސްޓްމަންޓް ގެނެވުމަށް ހުންނަ އުނދަގުލަކީ ޓެކްސާއި، ދައްކަންޖެހޭ އެކި ބާވަތުގެ ޓެރިފް ބޮޑުވުމާއި، ވިޔަފާރިއަށް ހެދިފައި ހުންނަ ގަވާއިދުތަކާއި އަދި ވަޒީފާގެ ގަވާއިދު ތަކެވެ. މިފަދަ ގަވާއިދު ތަކުގެ ސަބަބުން ބައެއް ޤައުމުތައް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ޤާބިލުކަންވަނީ ކުޑަވެފައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯން (ސެޒް) އެއް އޮތުމުން މިދެންނެވި ހުރަސްތައް ގިރާކޮށް، ބޭރުގެ ކުންފުނިތައް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ބޮޑުކުރެވެއެވެ.

ސްޕެޝަލް އިކޮނިމިކް ޒޯންގެ (ސެޒް) ބޭނުމާއި ފައިދާ އަކީ ކޮބާ؟
ސްޕެޝަލް އިކޮނިމިކް ޒޯންއަށް (ސެޒް) ޒަމާނީ އިޤުތިޞާދީ ސަރައްހައްދޭ ވެސް ކިޔައެވެ. ސެޒް އުފެއްދުމުގެ މައިގަނޑު ބޭނުމަކަށް ވާނީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިކަން ބޮޑުކުރުމެވެ. އަދި މި އިންވެސްޓަރުންނަކީ މިހާރު ރާއްޖޭގައި ތަރައްޤީވެފައިވާ ޓޫރިޒަމް ދާއިރާގެ އިތުރުން އެހެން ދާއިރާ ތަކުގައި ހަރަކާތްތެރި ވުމަށް ޝައުގުވެރިކަން ހުރި ފަރާތްތައްކަމުގައި ވާނެކަމަށް އުއްމީދުކުރެވެއެވެ.

ސެޒްގައި އިންވެސްޓްކުރާ ފަރާތްތަކަށް ވާނެ ފައިދާއަކަށް ވާނީ ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ އުފެއްދުމާއި ޚިދުމަތް ދިނުމަށް މަގުފައިވެގެން ދިއުމެވެ.

ގައުމުގެ ސަރަހައްދު ތެރޭ ގާއިމުކުރެވޭ މިޚާއްޞަ ސަރަހައްދުގައި އާންމު ވިޔަފާރިކުރާ ގަވާއިދާއި ޤާނޫނު ތަފާތު ވާނެއެވެ. މިފަދަ ސަރަހައްދެއްގެ މައިގަނޑު މަގްޞަދަކަށް ވާނީ ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓް ގެނެވުމާއި، ވަޒީފާ އިތުރުކުރުމާއި، އިދާރީ ހިންގުން ހަރުދަނާ ކުރުމެވެ.

އިންވެސްޓަރުންނާއި ވިޔަފާރިތައް ސެޒް ސަރަހައްދުގައި ހަރަކާތްތެރިވާނީ ލުއިފަސޭހަ އުސޫލާއި ޤަވާޢިދުތަކެއްގެ ތެރޭގައެވެ. އާންމުކޮށް މިފަދަ އުސޫލުތައް ލުއި ފަސޭހަ ކޮށްދީފައި ހުންނަނީ ވިޔަފާރި ކުރުމާއި، އިންވެސްޓްކުރުމާއި، ޓެކްސް، ކަސްޓަމް ޑިއުޓީއާއި ލޭބަރ ގަވައިދުންނެވެ.

ސެޒްގެ ތާރީޚް އާއި ތަޖްރިބާއަކީ ކޮބާ؟
ޒަމާނުއްސުރެ މިނިވަން ސަރަހައްދާއި މުދާ ރައްކާކުރެވޭނެ ސަރަހައްދާއި އަދި ފްރީ ޕޯޓް ތަކަކީ ގައުމުތަކުން ދެމުން ގެންދާ ޚިދުމަތްތަކެކެވެ. ރާއްޖޭގައި ވެސް 18 ވަނަ ގަރުނު ތެރޭ ވޯރާ ވިޔަފާރިވެރިން ފުރުތަމަ ބަނދަރުޖެހީ މިފަދަ އުސޫލުތަކެއްގެ ތެރޭންނެވެ.

ސިނާއީ ގައުމުތަކުގެ ތެރޭގައި ސެޒް ތަޢާރަފްވެގެން އައީ 1950 ގެ އަހަރުތަކުގެ ތެރޭގައެވެ. އަދި 1970 ގެ އަހަރުތަކުން ފެށިގެން ލެޓިން އެމެރިކާ އާއި އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި މިފަދަ ސަރައްހަދުތައް އުފެދުނެވެ. އަޅުގަނޑުމެން ނިސްބަތް މިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ބަންގުލަދޭޝް އާއި އިންޑިއާގައި ކާމިޔާބުކަމާ އެކު މިފަދަ ސަރަހައްދުތައް ހިންގައެވެ.

މިފަދަ ޒޯންތަކަށް އާންމުކޮށް އިންވެސްޓްކުރަނީ މަލްޓީ ނެޝަނަލް ކުންފުނިތަކެވެ. މަލްޓިނޭޝަނަލް ކުންފުނިތައް އޮޕްރޭޓްކުރާ އިރު ޤައުމު ތަކުގެ ވަސީލަތްތަކަށް އެންމެ ރަނގަޅު ގޮތުގައި ނުބެލުމުގެ މައްސަލަ ބައެއް ފަހަރު ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން މިފަދަ ކުންފުނިތަކާއި އެކުންފުނިތައް އޮޕަރޭޓްކުރާ ޤައުމާ ދެމެދު ވަރަށް އާންމުކޮށް މައްސަލަ އުފެދެއެވެ. އެހެން ކަމުން ރަނގަޅު އުސޫލުތަކެއްގެ ތަރަހައިގައި ސެޒް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސިންގަޕޫރުގައި ލީކުއާން ޔޫ ދިޔައީ އޭނާގެ ސިދާ ބެލުމުގެ ދަށުން މަލްޓިނެޝަލް ކުންފުނިތައް މޮނީޓަރ ކުރަމުންނެވެ. އެހެންކަމުން ސިންގަޕޫރުގެ ތަޖުރިބާ ވަރަށް ރަނގަޅެވެ. އަޅުގަނޑުމެންގެ މާހައުލުގައި މުއާޞަލާތީ ދާއިރާގައި ދެ މަލްޓި ނެޝަނަލް ކުންފުންޏެއް ހަރަކާތްތެރިވެއެވެ. މިދެ ކުންފުނިވެސް ރަނގަޅަށް މޮނީޓަރ ނުކުރެވޭކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.

މިހާރު ސެޒްގައި އިންވެސްޓްކުރުމުގެ އޮއިވަރު ހުރިގޮތުން އެފްރިކާ ބައްރުގެ ގައުމުތައް ސެޒް ތަޢާރަފުކުރުމާއި ގުޅިގެން، އެންމެ ފޯރީގައި އެފްރިކާގައި އިންވެސްޓްކުރަނީ ޗައިނާގެ ކުންފުނިތަކެވެ. ޗައިނާގެ ބޮޑެތި ކުންފުނިތަކަކީ ޤައުމީ ކުންފުނިތަކެވެ. އެހެން ކަމުން އިންވެސްޓްއެކުރަނީ އެ ޤައުމެވެ.

ވީމާ، ވިސްނާލަން ޖެހެނީ ޗައިނާގެ ކުންފުންފުނިތައް ސެޒްގެ އުސޫލާއި ހިލާފަށް ކަންކަން ކުރިއަސް، ގިނަފަހަރު ސަރުކާރުތަކުން ކުރެވޭނެ ކަމެއް ނޯވެއެވެ. ސެޒްގެ ހުއްދަ ބާތިލު ކުރުމުގެ މާއްދާއެއް އޮތްކަމުގައި ވިޔަސް ޖެހޭނީ ހިންދިރުވާލާށެވެ. އެއީ ޗައިނާ އަކީ މިއަދު ދެވަނަ އިގްތިޞާދީ ބާރެވެ. އަދި އެޤައުމުގެ ނުފޫޒު ދުނިޔޭގައި އިންތިހާއަށް ގަދައެވެ. އެހެން ކަމުން ގާނޫނާއި ގަވައިދު ތަކާއި އުސޫލުތައް ހެދިގެން އަންނަ އިރު މިފަދަ ކަންކަމަށް ރިއާޔަތްކުރުން ވެސް މުހިންމުވެ އެވެ.

ސެޒް ގާއިމު ކުރެވޭނީ ކޮން ސަރަހައްދު ތަކެއްގައިތޯ؟
އަޅުގަނޑުމެންގެ ރާއްޖެއަކީ ވަސީލަތުގެ ގޮތުން ތަނަވަސް ގައުމެއް ނޫނެވެ. އިގްތިޞާދީ އިންވެސްޓްމަންޓް އަށް ބޭނުންވާ ބިމާއި، ލޭބަރ އަދި މާލީ ތަނަސްވަކަމެއް ނެތެވެ. އާންމުކޮށް ޤައުމުތަކުގައި ސެޒް ގާއިމުކުރެވެނީ އެޤައުމަށް ލިބިފައިވާ ވަސީލަތާއި ގުޅުވައިގެންނެވެ. މިސާލަކަށް ޗައިނާ ބަންގްލަދޭޝްގައި އަންނައުނު ތައްޔާރުކުރުމުގެ ކާރުޚާނާތައް ސެޒްގެ ތެރޭން އުފައްދާފައި އެވަނީ އެގައުމުތަކުން ވަރަށް އަގުހެޔޮކޮށް އިންސާނީ ވަސީލަތް ލިބެން ހުރީތީއެވެ. މިއަދު ޗައިނާ އާއި ބަންގުލަދޭޝް އަކީ ވިލާތަށް އެންމެ ގިނައިން އަންނައުނު ފޮނުވާ ދެޤައުމެވެ.

ވުމާއެކު، ރާއްޖޭގެ ހާލަތުގައި އިންވެސްޓަރަކަށް ރާއްޖެއާ މެދު ޝައުގުވެރިކަން އޮންނާނީ ގުދުރަތީގޮތުން ރާއްޖެ އޮތްތަނުގެ ސަބަބުން ނެގިދާނެ ވިޔަފާރި ފައިދާއެއްގެ މައްޗަށް ކަމުގައި އަޅުގަނޑަށް ލަފާކުރެވެ އެވެ. ރާއްޖެ އޮތް ތަނުގެ ސަބަބުން މީގެ ކުރިން ވެސް ބޭރުގެ ފަރާތްތައް ވަނީ ޝައުގުވެރިކަން ފާޅުކޮށް އެކަމުގެ ރާހަތް އެފަރާތްތަކަށް ކޮށްފައެވެ.
ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގަ އާއި ފިނި ހަނގުރާމަ ދުވަސްވަރު އިނގިރޭސީން ވަނީ އައްޑު އަތޮޅު ގަމުގައި ގާއިމުވެ ތިބެފައެވެ. ދިވެހިރާއްޖެ ޕޯޗުގީޒުން އަޅުވެތި ކޮށްގެން އުޅުނު ދުވަސްވަރު ޕޯޗުގީޒެއްގެ ބޮޑެއް ކަމުގައިވާ ވިޔަޒޯރު ހުރީ ބޮޑު ތިލަދުންމަތީގަ އެވެ. ލަފާކުރެވެނީ ތިލަދުންމަތީގައި ވިޔަޒޯރު ހުރުމުގެ މައިގަނޑު ބޭނުމަކީ އެޒަމާނުގައި މެދުއިރުމަތިން އިންޑިއާގެ ބައެއް ބަނދަރުތަކުންލާފައި ސީނު ކަރައަށް ދާ ވިޔަފާރި ނާތަކުގެ ދަތުރާއި ތިލަދުންމަތި ކައިރި ވީމާ ކަމަށެވެ. ނުވަތަ މިފަދަ ދަތުރުގައި އަންނަ އުޅަނދު ފަހަރަށް ބައެއް ތަކެތި ވިއްކަން ފަސޭހަ ވާތީއެވެ.
ވީމާ ލަފާކުރެވެނީ ސެޒްގެ މައިގަނޑު ސަރަހައްދެއް ކަމަށް ވާނީ ތިލަދުންމައްޗާއި އައްޑޫ އަތޮޅު ކަމަށެވެ.

ސެޒްގައި އިންވެސްޓްކުރެވޭނީ ކޮންބައެއް؟
ސެޒްގައި އިންވެސްޓް ކުރުން ވަނީ ވަރަށް ފުޅާކޮށް ހުޅުވާލެވިފައެވެ. ސަރުކާރު ކުންފުނިތަކަށް، އަމިއްލަ ކުންފުނިތަކަށް، ބޭރުގެ ކުންފުނިތަކަށް، ދިވެހި ކުންފުނި ތަކާއި ބޭރުގެ ކުންފުނިތައް ގުޅިގެން ވެސް އިންވެސްޓްކުރެވެއެވެ. އަދި ސަރުކާރުގެ ކުންފުނިތައް ޖޮއިންޓް ވެންޗަރ ހަދައިގެން ވެސް އިންވެސްޓް ކުރެވިދާނެއެވެ.

ސެޒްގައި ލޯކަލް ކައުންސިލްގެ ދައުރަކީ ކޮބާ؟
ވަކިސަރަހައްދެއް ސެޒްގެ ގޮތުގައި ހަމަޖެހުމުން ދެން ލޯކަލް ކައުސިލްގެ ބާރެއް އެ ސަރަހައްދެއްގެ މައްޗަށް ނުހިނގާނެއެވެ. އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނާނީ ސުޕްރިޓެންޑެންޓް އެކެވެ. ސްޕްރިޓެންޑެންޓްގެ ދައުރަކީ ލޯކަލް ކައުސިލާއި އިންވެސްޓަރާއި ދެމެދު މުއާމަލާތް ހިންގައިދިނުމެވެ. އަދި ސްޕުރިޓެންޑެންޓް ރިޕޯރޓްކުރާނީ ސެޒް މޮނީޓަރކުރާ މިނިސްޓްރީއަށެވެ.

ސެޒް ރާއްޖޭގެ ވަޒީފާގެ ޤާނޫނަށް ތަބާވާނެތަ؟
ސެޒް ބިލުގައި ބުނާގޮތުން ރާއްޖޭގެ ވަޒިފާގެ ޤާނޫނުގައި ބުނާ މިންގަނޑަށް ވުރެ ދަށް މިންގަނޑެއްގައި އެއްވެސް މީހަކު ގެންގުޅެގެން ނުވާނެ އެވެ.

ސެޒްގެ ހަރަކާތްތައް މޮނީޓަރ ކުރަނީ ކޮންފަރާތަކުންތޯ؟
ސެޒްގެ ހަރަކާތް މޮނީޓަރކުރާނީ މިކަމަށް އެކުލަވާލެވޭ ބޯޑަކުންނެވެ. މިބޯޑުގައި ތަފާތު 17 ދާއިރާއެއް ތަމްސީލުވާނެއެވެ. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރވެސް ހިމެނެއެވެ. މިބޯޑަށް ރައީސުލް ޖުމްހުރިއްޔާ ހުށަހަޅާ ދެ މެންބަރެއް ވެސް ތިބޭނެއެވެ. ބޯޑްގެ ރައީސާ އަދި ނާއިބު ރައިސް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މިބޯޑް އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އިދާރީގޮތުން ކަނޑައަޅުއްވާ މިނިސްޓްރީއެއްގެ ދަށުގައެވެ. މިނިސްޓްރީގައި ބޯޑްގެ ސެކްރެޓޭރިއެޓް އާއި ސެޒްގެ ސަރަހައްދަށް ކަނޑައަޅާ ސުޕްރިޓެންޑެންޓުން ތިބޭނެއެވެ.
ސެޒްގެ ސަރަހައްދު ކަނޑައެޅުމާއި ސަރަހައްދުގެ އަދަދު ކަނޑައަޅާނީ މިބޯޑުންނެވެ.

ސެޒްގައި އުފައްދާ ތަކެއްޗާއި ޚިދުމަތް ރާއްޖޭގެ މާކެޓަށް ވިއްކިދާނެތަ؟
ސެޒްގައި އުފައްދާތަކެތި ރާއްޖޭގެ މާރކެޓަށް ވިއްކަންވެއްޖެ ނަމަ މޯލްޑިވްސް ކަސްޓަމްސްއިން އެކަމަށް ޤަވާއިދެއް ހަދައި އެސޫލުގެ ދަށުން އެކަން ކުރެވިދާނެއެވެ. އެހެންކަމުން ލަފާކުރެވެނީ ޑިއުޓީއާއި ދައްކަން ޖެހޭ އެހެނިހެން ފީތައް ދައްކައިގެން މިމުދާ ރާއްޖޭގައި ބާޒާރު ކުރެވިދާނެކަމަށެވެ.

ސެޒްގެ ސަބަބުން މިގައުމުގެ އިގްތިސާދަށް ކުރާނީ ކޮންފައިދާއެއް؟
ގައުމުގެ ތަރައްޤީ ހަލުވިކަމާ އެކު ކުރިއަރައި ދިއުމަށް ސެޒްގެ ސަބަބުން މަގުފަހި ވާނެއެވެ. ޗައިނާގައި 1990ގެ ކުރީކޮޅު ގާއިމުކުރެވުނު ސެޒްގެ ސަބަބުން އެގައުމަށް ނުހަނު ބޮޑެތި ކުރިއެރުންތައް ވަނީ ލިބިފައެވެ. އަދި ސެޒްގެ ސަރަހައްދުތައް ވަނީ އިތުރުކޮށްފައެވެ. އިންޑިއާގައި ސެޒް ފެއްޓިގެން އައި އިރު އެފަދަ ކުރިއެރުމެއް އަތުވެދާނެ ކަމުގެ އުއްމީދެއް ނެތެވެ. ނަމަވެސް އިންޑިއާގައި ވެސް މިއަދު ސެޒް މިވަނީ ފައިދާ ލިބޭ އުއްމީދީ ކަމަކަށް ވެފައެވެ. ދުނިޔޭގެ ދެވަނަ އަދި ތިންވަނަ އިގްތިޞާދުކަމުގައިވާ ޗައިނާ އާއި އިންޑިއާގެ ކުރިއެރުމުގެ އެއް އަސާސަކަށް މިއަދު ވަނީ ސްޕެޝަލް އިކޮނިމިކް ޒޯންގެ ސިޔާސަތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް