ސުފުރާމަތި ވެސް ތަންމައްޗަކަށް!؟

އެއް ރެއެއްގެ ފަތިހުގެ ވަގުތެވެ. ހޮސްޕިޓަލުގައި ހޭލައި އުޅުމަށް ފަހު ކޮފީއެއް ލިބޭތޯ ހާބަރުގެ "ކަޑަ"އަކަށް ދިޔައީމެވެ. ކަމަކު ދާކަށް ނެތެވެ. ކާބޯތަކެތީގެ ހިދުމަތްދޭ "ކަޑަ"ތަކުގެ ތެރެއިން ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ސައިބޯ މޭޒުތަކުގެ މަތީގައި ބަޔަކު މި ތިބީ ނިދާފަ އެވެ. ފުރަތަމަ ހީކުރެވުނީ މާލެތެރެއަށް ގިނަވެގެން އުޅޭ ގްރޫޕް ގަނޑެއް ކަމަށެވެ. ރަނގަޅަށް ބަލާލުމުން އެނގުނީ މިއީ އެ ކަޑައިގައި މަސައްކަތްކުރާ ވޭޓަރުން ކަމެވެ. އެ މީހުންނަކީ ހުސް ބިދޭސީނެވެ.

އެ ހިސާބުގައި ހުރި މަދު ކަޑައެއް ފިޔަވައި ގިނަ ކަޑަތަކުގެ ހާލަތު ހުރީ އެއްގޮތަކަށެވެ. އެ ތަންތާނގައި މަސައްކަތް ކުރާ މުވައްޒަފުން އެ ނިދަނީ ކަސްޓަމަރުންނަށްޓަކައި ބެހެއްޓިފައިވާ މޭޒުތަކުގެ މަތީގަ އެވެ. އެމީހުން ނިދާފައި އެތިބީ އެ މޭޒުތަކުގެ މަތީގައި އޮންނަ ފޮތިގަނޑު ވެސް ގައިގައި އޮޅާލައިގެންނެވެ.

އެ ތަންތަނަކީ ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނެވެ. ޒުވާނުން ގޮސް ކޮފީއެއް ބޯލަން ތިބޭ ތަންތަނެވެ. ރައްޓެހިންނާއެކީ ހިތްހަމަޖައްސާލަން ގޮސް ތިބޭ ތަންތަނެވެ. އެ ތަންތަން ބޭނުން ކުރަމުން އެ ދަނީ ގޯތިގެދޮރުގެ ގޮތުގަ އެވެ. ނިދަން އަރާ ތަންމަތީގެ ގޮތުގަ އެވެ.
ހާބަރުގެ ކަޑައެއްގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކު ނިދާފައި --- ސަން ފޮޓޯ: އަހްމަދު އާޒިފް

ހާބަރުގެ ކަޑަތަކަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ހެނދުނު ސަޔާއި މެންދުރާއި، ރޭގަނޑުގެ ކެއުމުގެ އިތުރުން ހަވީރުގެ ސަޔަށް އިންސާފުކުރާ ތަންތަނެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ސިއްޙަތަށް ފައިދާ ހުރި ކާނާ ކެއުމަކީ، ކޮންމެހެން މުހިންމު ކަމަކަށްވާ އިރު، މިފަދަ ގޮތަކަށް ޚިދުމަތް ދޭ ތަންތަނުން ސިއްޙަތަށް ފައިދާ ހުރި އެކަށީގެންވާ ކާނާ ލިބިދާނެތޯ އެވެ؟

މިފަދަ ގޮތަކަށް މި ތަންތަން ހިންގަމުންދާ އިރު، އެކަށީގެންވާ ރަނގަޅު ގަވައިދެއް ހެދިފައިވެ އެވެ. އެކަމަކު އެ ގަވައިދަށް ބެލުމެއްނެތެވެ. އެއަށް ހުރުމަތްތެރިކޮށް ހިތުމެއް ނެތެވެ. އިންސާނުންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތެވެ. ތިމާއަށް ގިނަ ފައިސާ ލިބޭ ކަމަށް ވާނަމަ، އަނެކުންނަށް ކިތަންމެ ބޮޑު ދެރައެއް ލިބުނަސް ހެވެވެ.

ހާބަރުގެ ކަޑައެއްގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީން ނިދާފައި --- ސަން ފޮޓޯ: އަހްމަދު އާޒިފް

ސައިހޮޓަލާއި ކެންޓީނު ފަދަ ތަންތަން ހިންގުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ގަވާއިދުގައި ހުއްދަކުރެވިފައިވާ ކަންތައް ފިޔަވައި އެހެން ކަންތައްތަތަކެއް އެ ތަންތަނުގައި ކުރުމަކީ މަނާ ކަމެކެވެ. އެ ގަވާއިދު ހުއްދަ ކުރަނީ ހަމައެކަނި ސައިހޮޓަލާއި ރެސްޓޯރެންޓު ހިންގުމަށް ކުރަންޖެހޭ މަސައްކަތް އެތަންތަނުގައި ކުރުމަށެވެ. އެތަން ނިދާ ކޮޓަރިތަކެއްގެ ގޮތުގައި ބޭނުން ކުރުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫންކަން އެ ގަވާއިދުން ސާފުވެ އެވެ.

ސައިހޮޓަލާއި ރެސްޓޯރަންޓުގައި ވިއްކާ ކާބޯތަކެއްޗަކީ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ގަބޫލުކުރާ ފެންވަރުގެ ތަނެއްގައި އެ ޑިޕާޓްމަންޓު ގަބޫލުކުރާ ފެންވަރުގައި އަދި އެ ޑިޕާޓްމަންޓުގެ ގަވާއިދު ހުއްދަކުރާ ބަޔަކު ހަދާ ތަކެއްޗަށް ވާންޖެހެ އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި ކަސްޓަމަރުންނަށް ޚިދުމަތްދޭ މޭޒުމަތީގައި އަޅާފައި އޮންނަ ފޮތިގަނޑު ނިދަން ބޭނުން ކުރުމަކީ، އެކަމުގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ ކަމެކެވެ.
ހާބަރުގެ ކަޑައެއްގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކު ނިދާފައި --- ސަން ފޮޓޯ: އަހްމަދު އާޒިފް

"މިސާލަކަށް ނިދާފައި އޮންނަ އިރު ހަށިގަނޑުގެ ބޭރުގައި ހުންނަ ޖަރާސީމުތައް ނޫން ނަމަ އެމީހާގެ ނިޔަފަތުގައި ހުންނަ ޖަރާސީމު ހުންނާނެ ފޮތިގަނޑު މައްޗަށް އެޅިފައި. ބައެއް ކަހަލަ ޖަރާސީމުތައް ގިނައިރުތަކެއް ވަންދެން ހުންނާނެ. ދެން ހެނދުނު އައިސް ކަސްޓަމަރުން އެތާނގައި އިށީނުމުން، އެބަލިތައް އެމީހުންގެ ގަޔަށް އެރުމުގެ ޗާންސް ވަރަށް ބޮޑުވާނެ،" ޑރ. ހަބީބު ވިދާޅުވި އެވެ.

ޑރ. ހަބީބު ވިދާޅުވީ ގަވާއިދު ހުއްދަކުރާ ނަމަ ވަގުތުން އެފަދަ ތަންތަން ބަންދު ކުރުމަށް ފަހު، ރައްކާތެރި ގޮތެއްގައި ހިންގާނެ ކަމުގެ ޔަގީންކަން ލިބެންދެން ހުއްދަ ނުދީ ހިފަހައްޓަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު، ޕާސަނަލީ ދެކޭ ގޮތުގައި ގަވާއިދު ހުއްދަކުރާ ކަމުގައި ވަނީ ނަމަ، ވަގުތުން އެތަންތަން ބަންދު ކޮށްފައި، ސިއްހީ ގޮތުން ރައްކާތެރި ގޮތެއްގަ ހިންގާ ކަމުގެ ޔަގީންކަން ލިބެންދެން ހުއްދަ ދީގެން ވެސް ނުވާނެ. މިދެއްކެނީ ޕަބްލިކް ހެލްތު ހަޒާޑެއްގެ ވާހަކަ،" ޑރ. ހަބީބު ވިދާޅުވި އެވެ.
ހާބަރުގެ ކަޑައެއްގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކު ނިދާފައި --- ސަން ފޮޓޯ: އަހްމަދު އާޒިފް

މިކަމާ ބެހޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބަހެއް ހޯދުމަށް ހަފުތާއެއް ވަންދެން ކުރި މަސައްކަތުން ވެސް އެތަނުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަކީ ސައި ހޮޓާ ރެސްޓޯރެންޓްތައް ހިންގާ ގޮތް މޮނިޓާ ކުރުމުގެ ގަނޫނީ ޒިންމާ އުފުލަން ޖެހޭ ފަރާތެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނުން ވަނީ އެ ޒިންމާ އެ އޮތޯރިޓީ އަށް މަތިކޮށްފަ އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމާއި އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާން ޖެހޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެވެ.

އެކަމަކު އެ އޭޖެންސީއަށް އެކަށީގެންވާ ގޮތަށް އެ މަސައްކަތް ކުރެވޭ ބާއޭ މިއީ ގިނަ ރައްޔިތުންގެ ސުވާލެކެވެ. ހަމަ ގައިމު ވެސް ރަނގަޅަށް މޮނިޓާ ކުރެވޭނަމަ ތާއަބަދު އެއް ކަމެއް ތަކުރާރު ނުވީހެވެ.

ހާބަރު ކަޑަތަކުން ވަރަށް ގިނައިން ޚިދުމަތް ހޯދާ މީހަކު ބުނީ، ކަސްޓަމަރުން ޚިދުމަތް ލިބިގަންނަ މޭޒުތަކުގެ މަތީގައި އެތަނުގެ ވެއިޓަރުން ނިދާ އަޑުއިވުމުން މީގެ ފަހުން އެތަނަށް ނުދިޔުމަށް އޭނާ ނިންމާފައިވާ ކަމަށެވެ.

"ސާފުތާހިރުކަމުގެ ކުޑަވެސް ކަމެއް ހުރިނަމަ އެހެނެއް ނަހަދާނެ. އަހަރެން ވަރަށް 'ފަކުރު' ގަނެއްޖެ. ދެން ދުވަހަކު ވެސް އެ ކަޑަތަކަށް އަހަރެން ނުދާނަން. އަސްލު ކަމާ ބެހޭ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދީގެން މިކަން ބަލަންޖެހޭނެ. އެ ފަރާތްތަކުން ބަލާނަމަ، މި ފަދަ ކަންކަން ތަކުރާރު ނުވީސް،" އެ މީހާ ބުންޏެވެ.

ހާބަރު ކަޑަތަކުގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ ވެއިޓަރުން ބުނި ގޮތުގައި އެ މީހުން އެތަނުގައި ނިދަނީ ވެރިމީހާ އެގޮތަށް އެންގުމުނެވެ. އެ މީހުން ބުނާ ގޮތުގައި ނިދަން ހާއްސަ ތަނެއް ވެރިމީހާ ހަމަޖައްސައި ނުދެ އެވެ.

"ބޮޑު މީހާ ނިދާތަން ނުދެނީ. ހުރިހާ މީހުން މިތާ ނިދަނީ. ބޮޑު މީހާ ބުނާ ތަނެއްގައި އަހަރެމެން ނިދަނީ. އަހަރެމެން ކީއްކުރަނީ. ބޮޑު މީހާ ބުނަނީ މިތާ ސެކިއުރިޓީ ވައްތަރު މީހުން ތިބެންޖެހެނީ،" ބިދޭސީ ވެއިޓަރަކު ކިޔައިދިނެވެ.
ހާބަރުގެ ކަޑައެއްގައި އެތަނުގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ނިދާފައި --- ސަން ފޮޓޯ: އަހްމަދު އާޒިފް

މޭޒުމަތީގައި އަޅާފައިވާ ފޮތިގަނޑު ގައިގައަޅައިގެން ނިދަންޖެހެނީ ވެސް ވެރިމީހާ ނިދާނެ އެއްވެސް އެއްޗެއް ހަމަޖައްސައިދީފައި ނުވާތީ، ކަމަށް އެމީހުންނާ ސުވާލުކުރުމުން ބުންޏެވެ.

"ބޮޑު މީހާ ރޫމް ވެސް ނުދެނީ. ބާލީސް ވެސް ނުދެނީ. ފޮތިގަނޑު ވެސް ނުދެނީ،" ބަންގުލަދޭޝްގެ ވެއިޓަރަކު ކިޔައިދިނެވެ.

ސައި ހޮޓާ ރެސްޓޯރެންޓު ފަދަ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ އެތަންތަނަކީ ކޮންމެ ދުވަހަކު އެތަކެއް ބަޔަކު ޚިދުމަތް ހޯދުމަށް ދާ ތަންތަން ކަމުގައިވާތީ އެވެ.

މިފަދަ ކަންކަމަށް އަޅާ ނުލައި ތިބުމަކީ ސިއްހީ ގޮތުން ހީވެސް ނުކުރެވޭ ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަން ކަމަށް ވާތީ، ކަމާބެހޭ ފަރާތްތަކުން ހެދިފައިވާ ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅަން އެބަ ޖެހެ އެވެ.

އާންމު ސިއްހަތު ބެލެހެއްޓުމުގެ ބަލަދުވެރިޔާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހޭލަން ޖެހެ އެވެ. ބަލިމަޑުކަމެއްގެ ތެރެއަށް މުޖުތަމައު "ގެނބި" ނުދަނީ އިދާރާތައް ހޭލައްވަން އެބަޖެހެ އެވެ. އާންމުން އެކަމުގެ މެދުވެރިއަކަށް ވާންޖެހިއްޖެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް