އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިހާރަކަށް އައިސް އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މަކަރާ ހީލަތުގެ ތިނެއް ނުވަތަ ހަތަރު މައްސަލަ ހަފްތާއެއްގެ ތެރޭ ފުލުހުންނަށް ހުށަހެޅުންދާ ކަމަށެވެ.

އެފަދަ މައްސަލަތަކަށް ބަލާލާއިރު ހަދިޔާ ފޮނުވުމަށާއި ކާރުފަދަ އުޅަނދުގަތުމަށާއި ވިޔާފަރިއެއް ފެށުމަށް ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފަވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެފަދަ ފަރާތްތަކާއި މުއާމަލާތްކޮށް ފައިސާ ދޭ ފަރާތުން ވިސްނާނުލުމުގެ ސަބަބުން ތަކުރާރުކޮށް ވެސް އެއްބަޔެއްގެ އަތުން ފައިސާ ހޯދާކަން ފުލުހުންނަށް ހުށަހަޅާ އެފަދަ މައްސަލަތަކުން ފާހަގަކުރެވޭ ކަމަށެވެ.

މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެފައިވާއިރު، އެފަދަ އަމަލު ހިންގަނީ ކޮންބައެއްކަން ނޭނގުމުގެ ސަބަބުން މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ މައްސަލަތަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ މިހާރަށްވުރެ ހަރުދަނާކޮށް ސަމާލުވެއްޖެނަމަ ވަގުތުން ހައްލުކުރެވިދާނެ މައްސަލައެއް ކަމަށެވެ.

"ނުދަންނަ ނަންބަރުން ނުވަތަ ކާކުކަން ނޭނގޭ ފަރާތަކުން ކިތަންމެ ބޮޑު މާލީ މަންފާ އެއް ހޯދައިދޭނެކަމުގެ ވާހަކަ ބުނި ނަމަވެސް ދެފަރާތުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން ނުއުފުދޭނަމަ އެއްވެސް ފައިސާއެއް އެއްވެސް ފަރާތަކަށް ނުދިނުމަށާއި އެފަދަ މުއާމަލާތެއް ކުރެވެން ފަށާހިސާބުން ނުވަތަ އެފަދަ މުޢަމަލާތެއްކަމަށް ޝައްކުކުރެވޭނަމަ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށާއި އެފަދަ މައްސަލަތަކަށް އާއްމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު