ހަބަށް ފައިސާ ދައްކާނީ ސުޕްރީމް ކޯޓުން އަންގާ ގޮތެއްގެމަތިން: ޑީއާރްޕީ

ހަބް ކޮމްޕެނީއަށް 781،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވީ ނަވެސް އެ ފައިސާ ދައްކާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެމަތިން ކަމަށް ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކާނަލް މިރޭ ވިދާޅުވީ އިސްތިއުނާފު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުން އެ ޕާޓީން ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހަބް ކޮންޕެނީ އަށް ފައިސާ ދެއްކުމަށް އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިތާ މިހާތަނަށް 90 ދުވަސް ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ޑީއާރްޕީން އިސްތިއުނާފު ނުކުރާ ކަމަށް ނުނިންމޭނެ ކަމަށެވެ.

ޑީއާރްޕީން ހަބް ކޮންޕެނީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ، ކުރިން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ހަބް ކޮމްޕެނީ އިން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ފައިސާ ނުދެއްކުމުގެ އަދަބެއްގެ ގޮތުން 150ރ. އިން ޑީއާރްޕީ ޖޫރިމަނާކޮށްފަ އެވެ.

ކާނަލް ވިދާޅުވީ އިސްތިއުނާފު މަރުހަލާ ނުނިމެނީސް އެފަދަ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ ފައިސާ ދައްކާފައި ނުވަނީ އެ ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑުމެން ފައިސާ ނުދައްކާ މިއޮތީ އިސްތިއުނާފު ކުރަން އަޅުގަނޑު ބޭނުންވާތީ. އިސްތިއުނާފު މަރުހަލާ ނުނިމެނީސް މިފަދަ ހުކުމެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ކާނަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަބް ކޮންޕެނީން ބުނެފައިވާ ހުރިހާ ޚިދުމަތެއް ޑީއާރްޕީން ހޯދާފައި ނުވާ ކަމަށާއި އެ ޕާޓީން ހޯދާފައިވާ ބައެއް ޚިދުމަތްތައް އެބަހުރި ކަމަށެވެ.

"ހަބްގެ ކޭސްގައި އަޅުގަނޑުމެން މިދަންނަވަނީ އަޅުގަނޑުމެން ހޯދާފައިވާ ބައެއް ޚިދުމަތް އެބަހުއްޓޭ. އެހެންނަމަވެސް ހަބުން އެ ވިދާޅުވާ ހުރިހާ ޚިދުމަތްތަކަކީ އަޅުގަނޑުމެން ހޯދާފައިވާ ޚިދުމަތެއް ނޫނޭ،" ކާނަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު