ރިޟްވާންގެ ދިފާއުގައި ހުރިހާ ޕާޓީއަކުން ވާހަކަ ދައްކަވައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލިފައިވާ މައްސަލާގައިި ކަންބޮޑުވުން ފާޅުކޮށް އޭނާގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެމްބަރުން ވާހަކަ ދައްކަވައިފި އެވެ.

ރިޟްވާން ގެއްލިފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އޭނާ ވިދާޅުވީ މިނިވަންގެ ނޫސްވެރިއަކު ގެއްލުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި އެ މައްސަލައަށް މިހާރަށް ވުރެ ބޮޑު ސަމާލު ކަމެއް ދީގެން ބެލުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އެ މައްސަލައިގެ ބަހުސްގައި މަކުނދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު، އަނާރާ ނައީމް ވިދާޅުވީ ދިވެހި ނޫސްވެރިއަކު ގެއްލުމަކީ އެކަމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމެއްކަމަށާއި އެފަދަ ކަންތައް ނުހިނގާނެ ގޮތައްކަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މުޖުމަތަމައު ހޭލުންތެރިކުރުމާއި އަމިއްލަ ދިފާއުގައި ކުރެވޭނެ ކަންކަން ޒުވާނުންނަށާއި ކުޑަކުދިނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ގޮތުގައި އަނާރާ ފާހަގަ ކުރެއްވެވި އެވެ.

"އަޅުގަނޑު ވެސް ގެއްލިގެން ހޯދަމުންދާ އާއިލާގެ ހިތާމާގައި ވަރަށް ބޮޑަށް ބައިވެރިވާ ވާހަކަ ދަންނަވަން. އަދި އަޅުގަނޑު އުއްމީދުކުރަނީ އަވަސް މުސްތަގުބަލެއްގައި ހެޔޮހާލުގައި ހުރި ރިލްވާން ފެނިގެން ދިއުން. އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި އެފަދަ ހާދިސާތައް އިތުރަށް ހިނގައިގެން ނުދިއުން،" އަނާރާ ވިދާޅުވި އެވެ.

އެ މައްސަލަގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި ހިމެނޭ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރިޟްވާން ގެއްލިގެން 12 ދުވަސް ފާއިތުވެފައިވާ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ނޫސްވެރިއަކު ގެއްލުމާ ގުޅިގެން ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށްވާ، މީޑިޔާ އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. ރިޞްވާން ހޯދުމަށް ފުލުހުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް އަމީތު ވަނީ ގޮވާލައްވާފަ އެވެ.

"މީޑިޔާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު. ހާއްސަ ގޮތެއްގައި މި މައްސަލައާ ގުޅިގެން ޑިމޮކްރަސީގެ ހަތަރުވަނަ ބާރު މި އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި. އަޅުގަނޑަކީ މީޑިޔާގައި މަސައްކަތް ކުރި މީހެއްގެ ހަސިއްޔަތުން އަޅުގަނޑު ދަންވާނީ ހަގީގަތުގައި ރާއްޖޭގައި މީޑިޔާ މަސައްކަތްކުރާ މީހުން މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި،"

އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު، އަހްމަދު އާމިރު ވިދާޅުވީ ރިޞްވާން ގެއްލުން މައްސަލައަކީ އެ ޕާޓީން ވެސް ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ރިޟްވާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި ފުލުހުންގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު ފުލުހުންގެ ވަސީލަތްތައް ހުރި މިންވަރަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުން މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްގެން ރިޞްވާންގެ އާއިލާ އަށް ފިނިކަމެއް ހޯދަދިނުމަށް މަސައްކަތް ކޮށްދޭން ޖެހޭ އާމިރު ކަމަށް ވިދާޅުވި އެވެ.

"އިންޒާރު ދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެ ކުރެވޭ މަސައްކަތް ވެސް ތަންކޮޅެއް ޓްރާސްޕޭރެންޓްކޮށް އެބަ ބެލެން ޖެހޭ. ދަންނަވަން މި އުޅޭ ވާހަކައަކީ މީހަކަށް މަރުގެ އިންޒާރު އެސްއެމްއެސް ފޮނުވުމަކީ އަޅުގަނޑަށް ރައީސްގެ ނަމުގައި ވެސް ކުރެވިދާނެ ކަމެކޭ. ނުވަތަ އެހެން ބޭފުޅަކަށް ވެސް އެހެން ބޭފުޅަކަށް ފޮނުވިދާނެ އެއްޗެކޭ. އެހެންވީމާ ކަމާ ގުޅޭ މުވައްސާތައް ޒިންމާދާރުކޮށް މި ކަންކަން ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްދިނުމަކީ މި މަޖިލީހުގެ ކަމެއް. އަދި މިކަމުން އާއިލާ އަށް ފިނިކަމެއް ހޯދަދިނުމަށް މުޅިދައުލަތް ގުޅިގެން މަސައްކަތްކޮށް އަޅުގަނޑުމެނަށް އޭނާ ފެނުނުކަން ނުވަތަ ނުފެނުކަން ކަނޑައެޅޭނެ ވަކި ހިސާބެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އާމިރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގުރޫޕްގައި ހިމެނޭ ކެންދޫ ދާއިރާގެ މެމްބަރު، އަލީ ހުސެއިން ވިދާޅުވީ އުފެއްދިގެން އުޅޭ މައްސަލައަކީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުން ތެރެއިން އުފެދިފައިވާ މައްސަލައެއް ކަމެށެވެ.

"އަޅުގަނޑެމެންގެ ތައުލީމީ މަންހަނުގައި ވެސް ހިމަނަން އެބަޖެހޭ، ދަރިވަރުނާއި ކުޑަ ކުދިނަށް ވިސްނައިދޭން އެބަޖެހޭ ހިޔާލު ތަފާތުވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ދެރެއެއް ދޭން ނުޖެހޭނެ ކަން. ހިޔާލު ތަފާތު މީހުންނާ އެކީގައި، އެ ފިކުރުގެ މީހުންނާއެކީގައި އުޅެވޭނެ ގޮތް އެބަ ޖެހޭ ދަސްކޮށްދޭން. އެކަން ނުކޮށެއް، މިމަޖިލީހުގައި ވެސް އަޅުގަނޑުމެނަކަށް ޑިމޮކްރަޓީކް ވެއްޓެއް ގާއިމެއް ނުކުރެވޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ރިޞްވާން ގެއްލުން މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 51 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ގަރާރު ބަލައިގަތުމާ ދެކޮޅަށް ވޯޓް ދެއްވާފައި ވަނީ އެއް މެމްބަރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު