އިލްހާމް ވަކިކުރުމުގެ މައްސަލަ އެފްއޭއެމްގެ ކޮންގްރެސްގެ އެޖެންޑާއިން ބޭރުކޮށްފި

އަންނަ މަހު ބާއްވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ ރައީސް އިލްހާމް އަހުމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން އެޖެންޑާއިން ބޭރުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ކޮންގްރެސްގައި އިލްހާމްގެ މައްޗަށް އިތުރުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރަން ނިންމީ މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އިލްހާމް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި ހަތަރު މެމްބަރުންގެ އަގުލަބިއްޔަތު ލިބުނީ އޭނާގެ މައްސަލަ ކޮންގްރެސްގެ އެޖެންޑާއިން ނެގުމަށެވެ. ހަތް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެ މެމްބަރަކު ވޯޓު ދެއްވީ އިލްހާމްގެ މައްސަލަ އެޖެންޑާ ކުރުމަށެވެ. އިލްހާމް އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ބާއްވާ އެފްއޭއެމް ކޮންގްރެސްގައި އިލްހާމުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އީގަލްސް އިން ހުށަހެޅުމުން ފުރަތަމަ ޑިވިޝަންގެ ބައެއް ޓީމުތަކުން ވަނީ ތަައީދުކޮށްފަ އެވެ. އިލްހާމާއެކު އެ އެސޯސިއޭޝަންގެ ނައިބް ރައީސް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) މަގާމުން ވަކިކުރަން ވެސް އީގަލްސް ވަނީ ހުށަހަޅައިފަ އެވެ.

އިލްހާމް ވަކިކުރަން ހުށަހަޅައި އެކަން އެޖެންޑާގައި ހިމެނުމަށް އެދި އީގަލްސްއިން އެދުނު ހުށަހެޅުމުގައި 18 ކްލަބަކުން ވަނީ ސޮއިކޮށްފަ އެވެ. އިލްހާމުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އަށް ތާއީދު ކުރި ކްލަބުތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ބީޖީ ސްޕޯޓްސް ހިމެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު