ރިލްވާން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް ކުރަން ޖެހޭ: އެމްޑީއޭ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ސީރިއަސްކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ބުނެފި އެވެ.

އެމްޑީއޭގެ ސްޕޯކްސްޕާސަން އަދި ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު މިއަދު "ސަން" އަށް ވިދާޅުވީ ރިލްވާން ގެއްލިގެން ހޯދާތާ ދުވަސްތަކެއް ވެފައިވާ އިރު، މި ކަމަކީ ސީރިއަސްކަން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށެވެ.
އެހެން ކަމުން މި މައްސަލައާ ގުޅުން ހުރި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ރިލްވާން ހޯދުމުގެ މަސައްކަތުގައި އަމަލީ އަދި އަވަސް ދައުރެއް އަދާކުރުމުގެ މުހިންމުކަން ބޮޑު ކަމަށް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ، މި މައްސަލައިގައި ރިލްވާންގެ އާއިލާގެ މެންބަރުންގެ އިތުރުން ދިވެހި ރައްޔިތުންގެ ވެސް ކަންބޮޑުވުންތައް ވަރަށް ބޮޑުކަމަށެވެ. އެހެން ކަމުން ރިލްވާން ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ވީހާވެސް އަޕްޑޭޓްކޮށް ރައްޔިތުންނަށް އެނގެމުންދިޔުމަކީ މި ވަގުތަށް ބޭނުންތެރިކަމެއް ކަމަށް އާމިރު ފާހަގަކުރެއްވި އެވެ.

"ރިލްވާންގެ ގެއްލުނު އިރު އޭނާ އަށް މި ވަނީ އެކި ކަހަލަ އިންޒާރުތައް ލިބިފައި. އޭގެ ތެރޭގައި މަރުގެ އިންޒާރުވެސް ހިމެނޭ ކަމަށް އަޅުގަނޑުމެންނަށް މި އަޑު އިވެނީ. މި ކަންކަމުން މައްސަލައިގެ ސީރިއަސްކަން އެބަ އެނގިގެންދޭ. އަދި މިކަމުން އެހެން ރައްޔިތުންނަށް ވެސް ބިރުވެރިކަމުގެ އިންޒާރެއް އެބަ ލިބޭ،" ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އާމިރު ވިދާޅުވި އެވެ.

އާމިރު އިތުރަށް ވިދާޅުވީ، މި ފަދަ މައްސަލަތަކުގެ ތަހުގީގަށް ޒަމާނީ ވަސީލަތްތައް ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ނަމަ އެކަން ވެސް ހައްލު ކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާން ޖެހޭނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެފަދަ ކޮންމެ ކަމަކަށް އެމްޑީއޭއިން ފުރިހަމަޔަށް ތާއީދުކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު