ވަޅުލާފައި ހުރި އާސާރީ އެއްޗެހިތަކެއް އުތީމުން ފެނިއްޖެ

ހއ. އުތީމު ފުޓުބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރުގެ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވަޅުލާފައި ހުރި އާސާރީ އެއްޗެހިތަކެއް ފެނިއްޖެ އެވެ.

އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް މިއަދު ވިދާޅުވީ، ގާތްގަނޑަކަށް ދެ ފޫޓެއްހާ ފުނުގައި ވަޅުލާފައި ހުރި ތަކެތީގެ ތެރޭގައި އާސާރީ ތަށިތަކަކާއި ގުޅި ތަކެއްގެ އިތުރުން ދެ ބަސްތާ ބޮލި ފެނިފައިވާ ކަމަށެވެ.

"އެ އެއްޗެއްހި ފެނުނީ ފަސްގަނޑު އެއްވަރު ކުރަން ހައިމާކުން ކޮށްނަމުން ދަނިކޮށް،" އަސްރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެތަނުން ފެނުނު ތަކެތީގެ ތެރޭގައި މެދު ސައިޒުގެ ދެ "ގުޅި" އާއި އެއަށްވުރެ ކުޑަ ގުޅިއެއް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން މެދު ސައިޒު ދެ ގުޅީގެ ތެރޭ ތަށީގެ އިތުރުން މުށިފާޑުގެ އެއްޗެހި ހުރި ކަމަށް ވެސް އަސްރާރު ވިދާޅުވި އެވެ.

"ބޮލި އެއީ ކުރީ ޒަމާނުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި އެއްޗެއް. ދެ ބަސްތާ ބޮލި އެ ސަރަހައްދުން ފެނުނު،" އަސްރާރު ވިދާޅުވި އެވެ.

އެތަކެތި މިހާރު ހުރީ ކައުންސިލްގެ ބެލުމުގައި ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްރާރު ވިދާޅުވީ އެރަށު ބޯޅަ ދަނޑު އޮންނަނީ އުތީމު ގަނޑުވަރުގެ ހުޅަނގު ފަރާތަށް ވާގޮތަށް ގާތްގަނޑަކަށް 200 އެއްހާ ފޫޓު ދުރުގައި ކަމަށެވެ.

އަދި އާސާރީ އެއްޗެހި ފެނުނު އެ ސަރަހައްދަކީ ވަރަށް ކުރީ ޒަމާނު މީހުން އުޅުނު ސަރަހައްދެއް ކަމަށެވެ.

"ފަހުގެ ތާރީހެއްގައި ނޫޅޭ. ވަރަން ކުރިން އެ ހިސާބުގައި މީހުން އުޅެފައިވާ ކަމަށް އެބަ ބުނޭ،" އަސްރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އުތީމުގެ އެކި ސަރަހައްދު ތަކުން މީގެ ކުރިން ވެސް އާސާރީ އެއްޗެހި ފެނިފައިވާ ކަމަށެވެ. އެގޮތުން އެރަށު ގިރާ ސަރަހައްދު ތަކުން ވެސް މީގެ ކުރިން އެފަދަ އާސާރީ އެއްޗެހި ފެނިފައި ހުރި ކަމަށް އަސްރާރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު