ސިޔާސީ މީހުން ނުދައްކަން އުޅޭ ޓެކްސް ނަގަން ވެއްޖެ!

އެއީ ބޮޑު މުސާރައެއް ލިބޭ މީހެކެވެ. އޭނާގެ ވަޒީފާގެ ގޮތުން ދިމާވާނީ ވެސް "ހާލަކުން ފަހަރަކު" އެވެ. ބާޒާރުކޮށްލަން ނުކުމެ އުޅެނިކޮށް ފިހާރައެއްގެ ތެރެއިން ބޮޑު މުސާރަ ލިބޭ "އިއްޒަތްތެރިޔާ"އާ ދިމާވެއްޖެ އެވެ. ހަތަރު ކަޅި ހަމަވިތަނާ އޮލަ ވާހަކައެއްގެ ތެރެއަށް ދެ މީހުން "ގެނބިއްޖެ" އެވެ. ފިހާރައިގެ ހަރުގަނޑުތަކުން އެއްޗެހި ވަށިގަނޑަށް އަޅަމުންގޮސް ކައުންޓަރާ ހިސާބަށް އާދެވިއްޖެ އެވެ. އޭނާގެ ބިލަށް އެރީ 680 ރުފިޔާ އެވެ. އަހަރެންގެ ބިލަށް އެރީ 650 ރުފިޔާ އެވެ. ޓެކްސްގެ ގޮތުގައި އޭނާ ދައްކަން ޖެހުނީ 40 ރުފިޔާ 80 ލާރި އެވެ. އަހަރެން ޓެކްސްގެ ގޮތުގައި 39 ރުފިޔާ ދައްކަން ޖެހުނެވެ. ޓެކްސް ދެއްކުމުގެ ދެ މީހުންގެ މާބޮޑު ފަރަގެއް ނެތެވެ.

އޭނާ ވެސް ގޭގެ ކަރަންޓާއި ފެނުގެ ބިލަށް ދައުލަތުން ސަބްސިޑީދެ އެވެ. އަހަރެމެން ދެ މީހުން ކައި އުޅެނީ ވެސް ދައުލަތުން ސަބްސިޑައިޒް ކޮށްފައިވާ ކާޑުގެ ބާވަތްތަކެވެ. ބަލިވެއްޖެ ނަމަ ދެ މީހުންނަށް ވެސް ފަރުވާ ކޮށްދެނީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ތެރެއިންނެވެ. އާސަންދައިންނެވެ. ދެ މީހުން ޓެކްސް ދައްކަނީ ވެސް އެއް ވަރަކަށެވެ. މި ހުރިހާ ކަމަކަށް ބަލާ އިރު އާދައިގެ އާމްދަނީއެއް ލިބޭ މީހާ އާއި ބޮޑު އާމްދަނީއެއް ލިބޭ އިއްޒަތްތެރިޔާގެ ތަފާތެއް އެބައޮތްތޯ އެވެ؟

މީގެ ހަަތަރު އަހަރު ކުރިން ރާއްޖޭގައި ޓެކްސް ނަގަން ފަށާފައިވާ އިރު މިހާތަނަށް ނެގޭ ހުރިހާ ޓެކުހަކީ ވެސް އެންމެންގެ މެދުގައި ހަމަހަމަ ގޮތެއްގައި ނެގޭ "އިންޑައިރެކްޓް" ޓެކްސްތަކެވެ. އެ ޓެކްސްތަކުން ފަގީރުންނާއި މުއްސަދިންގެ ތަފާތެއް ނެތެވެ. އެ ޓެކުހުން މި ބުނާ ތަފާތެއް ނުވެސް ފެންނާނެ އެވެ. އަދި އެއީ އެންމެންގެ މެދުގައި ހަމަހަމަ އުސޫލަކުން ޓެކްސް ނެގޭ ރަނގަޅު އުސޫލެއް ކަމަކަށް ވެސް ނުފެނެ އެވެ. ސުވާލަކީ ޕްރޮގްރަސިވްކޮށް ނެގޭ ޓެކުހެއް ނަގާކަށް ނުފެނޭތޯ އެވެ؟

ޕްރޮގްރަސިވް ޓެކުހަކީީ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ބޮޑު ޓެކުހެއް ނަގައި މަދު އާމްދަނީއެއް ލިބޭ ފަރާތްތަކުން ކުޑަ ޓެކުހެއް ނެގުމެވެ. ދުނިޔޭގެ އެންމެ ތަރައްގީ ވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާގައި ވެސް ބޭނުން ކުރަނީ މި ބުނާ ޕްރޮގްރެސިވް ޓެކްސްގެ ނިޒާމެވެ. އެގޮތުން އެ ގައުމުން 2010 ވަނަ އަހަރު 8375 ޑޮލަރުގެ އާމްދަނީއެއް ލިބުނު ފަރާތްތަކުންގެ އަތުން 15 ޕަސެންޓްގެ ޓެކްސް ނެގުމަށް ހަމަޖައްސާފައިވެ އެވެ. އަދި 373650 ޑޮލަރުގެ އާމްދަނީ އެއް ލިބޭ މީހުން އަތުން 35 ޕަސެންޓް ޓެކްސް ނެގުމަށް ވަނީ ހަމަޖައްސާފަ އެވެ.

ޕްރޮގުރަސިވް ޓެކުހެއް ނަގާ ނަމަ އެންމެ ރަނގަޅު ޓެކްސަކަށް ވާނީ އިންކަމް ޓެކްސް އެވެ. މީގެ ހަތަރު އަހަރު ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި އިންކަމް ޓެކްސް ނެގުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރި އެވެ. އެ ފަހަރު މަހަކު 30،000ރ. އަށް ވުރެއް މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ނެގުމަށް ހަމަޖެއްސި އެވެ. އެގޮތުން މަހަކު 30،000ރ. އަށް މަތިން އާމްދަނީ ލިބޭ ފަރާތްތަކުން، ތިން ޕަސެންޓާއި 10 ޕަސަންޓާ ދޭތެރޭގެ ބޭންޑަކުން ޓެކްސް ނެގުމަށް އޭރުގެ ސަރުކާރުން އިއުލާންކުރި އެވެ.

އިންކަމް ޓެކްސް ނެގުމަށް ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ނަމުގައި މަޖިލީހަށް ބިލެއް ވެސް ހުށަހެޅި އެވެ. ބިލު މަޖިލީހަށް ބަލައިގަނެ ކޮމެޓީގައި "ޕާކު"ކޮށްފައި ބޭއްވީ އެވެ. ދައުލަތުގެ ހަރަދާއި އާމްދަނީ އެއްވަރު ކުރުމަށް ބާރުދޭނެ ބިލް، މިހާރަކު މަޖިލީހުގައި ނެތެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް އުވުމާއެކު އެކަން ނިމި ހިނގައްޖެ އެވެ.

އެފަދަ ބިލެއް މަޖިލީހަށް އަނެއްކާވެސް ހުށަހެޅުމުގެ ބާރު ލިބިދެނީ ސަރުކާރަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ބިލެއް ހުށަހެޅޭނީ ސަރުކާރު ހިންގާ ޕާޓީއަށެވެ. އަމިއްލަ މެމްބަރަކަށް ނުވަތަ އިދިކޮޅު ޕާޓީއަކުން އެފަދަ ބިލެއް މަޖިލީހަށް ހުށައެއް ނޭޅެނެވެ.

ރާއްޖޭގައި މިހާތަނަށް ނެގޭ ޓެކްސް ތަކުގެ ތެރެއިން މައިގަނޑު ބައެއް ޓެކްސްތަކަށް ބަލައިލަމާތޯ އެވެ. ޖީއެސްޓީ އާއި އެއާޕޯޓް ސާވިސްޗާޖަށް ބަލާއިރު އެއީ ކޮންމެ ފަންތިއެއް އަދި ކޮންމެ ގިންތިއެއްގެ މީހުންގެ އަތުން ވެސް ހަމަހަމަ އުސޫލަކުން ނެގޭ އެއްޗެކެވެ. އިމްޕޯޓް ޑިއުޓީއަށް ބަލާއިރު އެ ޓެކްސްގެ ސަބަބުން މުދަލުގެ އަގު ބޮޑުވެގެންދެ އެވެ. އެހެންކަމުން ނަތީޖާއަކަށް ވެފައި ވަނީ އެންމެ މުއްސަނދި މީހާއަށް ކުރާ އަސަރު އެންމެ ނިކަމެތި މީހާއަށް ވެސް ތަހައްމަލު ކުރަންޖެހުމެވެ. ނަމަވެސް އިންކަމް ޓެކްސް ނަގާނަމަ މި ފާހަގަ ކުރިގޮތާ ހިލާފަށް މުއްސަނދިންނާއި ފަގީރުންނާ ދެމެދު ތަފާތެއް އަންނާނެ އެވެ. މިއަހަރު ތެރޭގައި ވެސް މިވަނީ އިތުރު ޖީއެސްޓީއެއް ތައާރަފު ވެފަ އެވެ. އެއީ މުއާސަލާތީ ހިދުމަތްތަކުން ޓެކްސް ނެގުމެވެ. މިކަމުގެ އަސަރުގެ ހުރިހާ ފަރާތްތަކަށް ވެސް ކުރެވެ އެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޖީއެސްޓީއާ ކުޅުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ނަމަވެސް ޓެކްސްގެ ނިޒާމް ފުރިހަމަ ކުރުމަށް އިންކަމް ޓެކްސް ނަގަން ޖެހޭ ކަމަށް އެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވަ އެވެ.

"ޓެކްސްގެ ނިޒާމް ކޮމްޕްލީޓް ވާން އެބަ ޖެހޭ. އެކަން ކޮމްޕްލީޓް ކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން. ކުރިން ޓެކުހަށް ދެކޮޅު ހެދި ބައެއް ބޭފުޅުން އެބަ ގަބޫލުކުރައްވާ ޓެކުހަކީ ރަނގަޅު އެއްޗެއް ކަމަށް. ޓެކްސްގެ ނިޒާމް ރޭވިފައި އޮތީ ޖީއެސްޓީއަށް ފަހު ބިޒްނަސް ޕްރޮފިޓް ޓެކްސް އަދި އިންކަމް ޓެކްސް ނަގަން. ޖީއެސްޓީ ނަގަން ފެށުމުން އެންމެ އާދައިގެ ކަންމަތީ ފިހާރައިގެ ސޭޓަށް ވެސް މިހާރު ވިޔަފާރިއަށް ވާނުވާ އެބަ އެނގޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ޓެކްސްގެ ނިޒާމް ރޭވިފައި އޮންނަނީ މިގޮތަށް،" ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވި އެވެ.

އިންކަމް ޓެކްސް އެއް ނަގަންޖެހޭ ސަބަބުތައް ވަރަށް ސާފެވެ. އެންމެ ބޮޑު އެއް ސަބަބަކީ އާމްދަނީގެ ފަރަގު ކުޑަ ކުރުމެވެ. ހަމައެއާއެކު ސަރުކާރުން ރައްޔިތުންނަށް ދޭ އެކިއެކި ސަބްސިޑީތަކަށާއި ގައުމު ހިންގުމަށް މުއްސަދިންގެ އަތުން ފައިސާ ހޯދުމެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އެތައް ސަބްސިޑީއެއް ދޭއިރު އެއީ މުއްސަނދި މީހާ އާއި ފަގީރު މީހާގެ އަތުން އެއްވަރަށް ޓެކްސް ނަގައިގެން ދޭ އެއްޗަކަށް ވާނަމަ އޭގެ މާނައެއް ނެތެވެ.

"އިންކަމް ޓެކްސް ނެގުމަކީ ގައުމަށް ފައިދާވާނެ ކަމެއް. އަޅުގަނޑު ގަބޫލް ކުރަން އިންކަމް ޓެކްސް ނެގުން މުހިންމުކަން،.. އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން އަދި މިހާތަނަށް އަޅުގަނޑުގެ ޕާލަމެންޓް ގުރޫޕް ތެރޭގައި މަޝްވަރާ ކުރެވިފައެއް ނެތް،" ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.

އިގްތިސާދީ މާހިރުންނާއި ސިޔާސީ ފަރާތްތަކަށް ބަލާއިރު ވެސް އިންކަމް ޓެކުހާ ދެކޮޅަށް ވާހަކަ ދައްކާ އުޅެނީ މަދުބަޔެކެވެ. މެޖޯރިޓީ މީހުން ބުނާ ގޮތުން ޓެކްސްގެ ނިޒާމް ފުރިހަމަ ކުރުމަށް އިންކަމް ޓެކްސް ނަގަން ޖެހެ އެވެ. މިހާތަނަށް ރާއްޖޭގައި އިންކަމް ޓެކްސެއް ނުނަގައި އަދި ނަގަން އުޅެފައި ނުވާއިރު އޭގެ ފަހަތުގައިވާ ސަބަބުތަކަކީ ކޮބައިބާއެވެ؟

އޭގެ ތެރެއިން އެއް ސަބަބެއް ކަމަށް ފާހަގަ ވަނީ ވަކިވަކި ފަރުދުންގެ މާލީ ހިސާބުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހުމުގެ ބިރު އޮތްކަމެވެ. އެ ލިޔުންތައް އާންމުވެދާނެ ކަމުގެ ބިރުވެރިކަން ބައެއް ފަރާތްތަކުގެ ހިތްތަކުގައި އޮތުމެވެ. އިންކަމް ޓެކްސް އެއް ނަގާނަމަ ތަނަވަސް މީހާގެ އާމްދަނީގެ ތަފާސް ހިސާބުތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހެ އެވެ. ނަމަވެސް އެއީ ދައުލަތުގެ ފަރާތުން ސިއްރުކޮށްދޭނެ ލިޔުންތަކެކެވެ. މީރާއަށް އެކި ކުންފުނިތަކުން ތަފާތު އާމްދަނީގެ ހިސާބުތައް މިހާތަނަށް ހުށަހަޅާފައި ވާއިރު އެއިން އެއްވެސް ލިޔުމެއް ލީކުވި ވާހަކަ އަޑުއިވިފައެއް ނެތެވެ.

އިންކަމް ޓެކްސް ނުނަގަން އުޅޭ އެހެން ސަބަބެއް ވެސްވެ އެވެ. އެއީ ކޮރަޕްޝަންތައް ފަޅާއަރާނެތީ އެވެ. އިންކަމް ޓެކްސް ނަގަަން ފެށުމުން އިސްވެ ފާހަގަ ކުރި ގޮތަށް ލިބޭ އާމްދަނީގެ ބަޔާންތައް ހުށަހަޅަން ޖެހޭނެ އެވެ. އެހެންކަމުން ކުރި މަސައްކަތެއް ނެތި ކުއްލިއަކަށް ލިބިފައި ހުންނަ ބޮޑެތި ފައިސާގެ އަދަދު ތަކާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކަށް ސުވާލުކުރުމުގެ ފުރުސަތު އޮތްކަމީ ވެސް އެފަދަ ފަރާތްތަކުން އިންކަމް ޓެކުހާ ދެކޮޅު ހަދާ ސަބަބަކަށް ވެދާނެ އެވެ.

ހަގީގަތަށް ބަލާއިރު އިންކަމް ޓެކުސް ނުނަގަންވީ ސަބަބެއް ތެނެވެ. އެއީ އެތައް ގައުމެއްގައި ތަޖުރިބާ ކޮށްފައިވާ ހަގީގީ ފައިދާ ރައްޔިތުންނަށް ލިއްބައިދޭ ނިޒާމެކެވެ. އެ ޓެކްސް ނަގައިގެން ވާނެ ގެއްލުމެއް ނެތްއިރު ވާނެ ފައިދާއެއް އެބައޮތެވެ. އެއީ މުއްސަދިންގެ އަތުން ފައިސާ ނެގި އެ ފައިސާއިން ފަގީރުނަށްދޭ ސަބްސިޑީތަކަށް ހަަރަދު ކުރެވުމެވެ. ނަމަވެސް ކުރިން ވެސް އަދި މިހާރު ވެސް ފެންނަމުން ދަނީ އެކަން ކުރަން ތިބި ފަރާތްކުގެ ފަހަތު ފަޔަށް ބުރަވެފައިވާ މަންޒަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް