އެންމެނަށްވެސް އިޙްތިރާމުކުރުން

ޖާބިރުބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. މަދީނާގެ މަގެއްގެމަތީން ޖަނާޒާއެއް ގެންދެވުނެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހިވަސައްލަމައަށް އެމަންޒަރު ފެނިވަޑައިގަތުމުން ކޮޅަށް ތެދުވެ ވަޑައިގެންނެވިއެވެ. އަޅުގަނޑުމެންވެސް އެކަލޭގެފާނަށް އިޤްތިދާވެ ކޮޅަށް ތެދުވެއްޖައީމުއެވެ. އަޅުގަނޑުމެން ދެންނެވީމުއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ. މިއީ ޔަހޫދީއެއްގެ ޖަނާޒާއެވެ. އިތުރު ސާހިބާ ޙަދީޡް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ޖަނާޒާއެއް ފެނިއްޖެނަމަ ކޮޅަށް ތެދުވާށެވެ."

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ސަހްލުބިން ޙުނައިފު އާއި ޤައިސުބިން ސަޢުދާ ދެބޭކަލުން (ރަޟިޔަﷲ ޢަންހުމާ) ޤާދިސިއްޔާގައި އިށީދެވަޑައިގެން ތިއްބެވިއެވެ. އެބޭކަލުންގެ ކުރިފުޅުމަތީން ޖަނާޒާއެއް ގެންދެވުނެވެ. އެތަންފެނިވަޑައިގަތުމުން އެދެބޭކަލުން ކޮޅަށް ތެދުވެ ވަޑައިގެންނެވިއެވެ. އެދެބޭކަލުންނަށް ދެންނެވުނެވެ. މިއީ ޒިންމީއެއްގެ (ޣައިރު މުސްލިމެއްގެ) ޖަނާޒާއެކެވެ. އެދެބޭކަލުން ވިދާޅުވިއެވެ. މާތްﷲ ގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ކުރިފުޅުމަތީން މަދީނާގައި ޖަނާޒާއެއް ގެންދެވުނެވެ. އިތުރުސާހިބާ ކޮޅަށް ތެދުުވެވަޑައިގެންނެވިއެވެ. އެކަލޭގެ ފާނަށް އެހިނދު ދެންނެވުނެވެ. މިއީ ޔަހޫދީއެއްގެ ޖަނާޒާއެކެވެ. އިތުރުސާހިބާ ޙަދީޡްކުރެއްވިއެވެ. "އޭނާއަކީ އިންސާނެއް ނޫންހެއްޔެވެ؟"

މިކަންކަމުން އިސްލާމްދީނުގެ ވަރަށްމަތިވެރި އުސޫލެއް ހާމަވެއެވެ. އެއީ ކޮންމެ އިންސާނަކީވެސް އިހްތިރާމްކުރަން އެކަށީގެންވާ މީހެއްކަމެވެ. އެމީހަކީ ޣައިރު މުސްލިމެއްކަމުގައި ވިޔަސް ވެހެވެ. ދުޝްމިނުންގެ ޖަމާޢާތުގެ ނުވަތަ އިދިކޮޅު ޕާޓީގެ މީހެއްކަމުގައި ވިޔަސް ވެހެވެ. ކޮންމެ އިންސަނަކާ މެދުވެސް އެހެން ހުރިހާ ދިމަދިމާއެއް ހަނދާން ނައްތައިލުމަށްފަހު ބަލަންޖެހޭނީ އިންސާނީ ވަންތަކަމުގެ ނަޒަރުންނެވެ. ކޮންމެ އިންސާނަކީވެސް އިންސާނެއްގެ ހައިޡިއްޔަތުން ހުރިހާ ޙާލަތެއްގައިވެސް ކަމޭހިތައި ޤަދަރުކުރަންޖެހޭނެ މީހެކެވެ.

އިންސާނާއަކީ އަރަހުށި މާތްﷲ މާތްކުރައްވައިފައިވާ މަޚްލޫޤެކެވެ. ކީރިތި ޤުރުއާނުގެ އިބާރާތުން ދަންނަވާނަމަ އިންސާނާ ހައްދަވައިފައިވަނީ އެންމެ ރީތިކޮށެވެ. އެންމެ ފުރިހަމަޔަށެވެ. އިންސާނާއަކީ އޭނާ ސޫރަކުރައްވައިފައިވާ ގޮތަށް ބަލާއިރު އިލާހީ އުފެއްދެވުމުގެ ނާދިރު ނަމޫނާއެކެވެ. އެމީހެއްގެ ތިމާގެ މީހަކަށްވިޔަސް ނުވަތަ ދުރުހިލޭ މީހަކަށްވިޔަސް ކޮންމެ އިންސާނަކީވެސް މާތްﷲ ގެ މަޚްލޫޤެކެވެ. ޚާލިޤުވަންތަ ﷲ ގެ ކުޅަދުންވަންތަކަމުގެ މިސާލެކެވެ. އެހެންކަމުން އެމީހަކާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ޚިލާފެއް އޮތަސް އޭނާއަކީ އިޙްތިރާމު ކުރުން ޙައްޤު ފަރާތެކެވެ. ދުރުހިލޭ ކަމާއި ބީރައްޓެހިކަމާއެކުވެސް އޭނާގެ އިންސާނީ ޙައިޡިއްޔަތުން އޭނާއަކީ ކަމޭހިތެވުން ޙާއްޤު މީހެކެވެ.

އިލާހީ ކޮންމެ އުފެއްދެވުމަކުން މުއުމިނުން ދެކޭންޖެހެނީ ﷲ ގެ ކުޅަދުންވަންތަކަމެވެ. ކޮންމެ މަޚްލޫޤަކީވެސް އޭނާގެ ޚާލިޤުގެ އުފެއްދެވުންތެރިކަމުގެ ލާމަސީލު ހެއްކެކެވެ. މުއުމިނުންގެ މިނަފްސިއްޔާތު ލާޒިމުކުރަނީ ކޮންމެ އިންސާނަކާ ދިމާޔަށްވެސް ޢިއްޒަތާއި އިޙްތިރާމުގެ ނަޒަރުން ބެލުމެވެ. ކޮންމެ އިންސާނަކާ މެދުވެސް އޭނާގެ ހިތުގައި ކަމޭހިތުމުގެ ޖަޒުބާތު އުފެދިފައިވުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް