ޣައްޒާގައި އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

އިސްރާއީލުގެ އުދުވާނުގެ ސަބަބުން ވީރާނާވަމުންދާ ޣައްޒާގެ ހޮސްޕިޓަލެއްގައި ފަލަސްތީނުުގެ އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި އެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އައްޝިފާ ހޮސްޕިޓަލުގައި އެ ހަތަރު ކުދިން ވިއްސި ޑރ.ބަސެލް އަބޫވަރުދާ ވަނީ އެ ކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި އާންމުކޮށްފަ އެވެ.


މިދިޔަ ބުދަ ދުވަހު ވިހާފައިވާ އެ ކުދިންގެ މަންމައަކީ ޣައްޒާ ކައިރީގައި އޮންނަ ރަފާހް ސިޓީއަށް ނިސްބަތްވާ އަންހެނެއް ކަމަށް އޭބީސީ ނިއުސް އިން ކަށަވަރުކޮށްދެ އެވެ. އެ ހޮސްޕިޓަލުގައި އޭނާ ވިހީ ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެއް ކަމަށް އެ ނިއުސް އެޖެންސީން މައުލޫމާތު ދެއެވެ.

"ވޭނުގައި އުޅުނު ނަމަވެސް، ފަލަސްތީނުގެ މަންމައަކު ވަނީ ހަތަރު ކުދިން ވިހާފައި." ޑރ.އަބޫވަރުދާގެ ޓްވިޓާ އެކައުންޓްގައި އޭނާ ލިޔެފައި ވެއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލުތަކުގެ މުވައްޒަފުން މި ދުވަސްކޮޅު އުޅެނީ ކެނޑިނޭޅި ހަމަލާތަކުގައި އަނިޔާވަމުންދާ މީހުންނަށް ފަރުވާދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރުމުގައެވެ.

ހަތަރު ކުދިން ވިއްސި ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވަމުންދާ އެންމެ ގިނަ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ހޮސްޕިޓަލެވެ. ފާއިތުވި ތިން ހަފްތާ ތެރޭގައި މިހާތަނަށް އިސްރާއީލުން ޣައްޒާގެ 1390 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އެ ހަމަލާތަކުގައި 8،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު