ގެމަނަފުށީ މުބާރާތް ހުއްޓުވައިދިނުމަށް ކޯޓުން އަނެއްކާ ވެސް އަމުރެއް ނެރެފި

ގއ. ގެމަނަފުށީ ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ހުއްޓުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގެމަނަފުށީ ކައުންސިލްގެ މައްޗަށް އެއަތޮޅު ކަނޑު ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.

ކަނޑުހުޅުދޫ ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އެ މުބާރާތް އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ގެމަނަފުށީ ސްޕޯޓްސް ކްލަބުން މުބާރާތް ކުރިއަށް ގެންދަނީ އެ މުބާރާތުގެ ގަވާއިދުގެ 5.1 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ކަނޑުހުޅުދޫ ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ނިމެންދެން އެ މުބާރާތް ހުއްޓުވައި ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.

"... ގއ. ގެމަނަފުށީ ސްޕޯޓްސް ކްލަބުން އެ ގަވާއިދުގެ 5.1 ވަނަ މާއްދާއާ ޚިލާފަށް މުބާރާތް ކުރިއަށްގެންދާތީވެ ގއ. ކަނޑުހުޅުދޫ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތް ވަކިގޮތަކަށް ނިމެންދެން މި މުބާރާތް ކުރިއަށް ނުގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސާވިސް ގއ. ގެމަނަފުށީ ކައުންސިލް އިދާރާ، ގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ،" އެ އަމުރުގައި ވެއެވެ.

ކަނޑުހުޅުދޫ ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ މުބާރާތުގައި ބައިވެރިވާ އެއަތޮޅު ކޮނޑޭގެ ޓީމުގައި ރަށުން ބޭރުގެ ކުޅުންތެރިއަކު ހިމަނާފައި ވަނީ ގަވާއިދުގައި އެކަން ނުކުރެވޭނެ ކަމަށް ބުނެފައި ވަނިކޮށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މުބާރާތް އިންތިޒާމް ކުރާ ގެމަނަފުށީ ސްޕޯޓްސް ކްލަބުން ބުނެފައި ވަނީ ރަށުން ބޭރު ކުޅުންތެރިންނަށް ޓީމްގައި ކުޅެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު